މަރަށް މަރު އޮންނަންޖެހޭ، އެއީ ޤުރުއާނުގައި އެކަން އޮންނަ ގޮތް: އުމަރު

މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީޢަތުން ސާތިބުވެފައިވާ ކަމެއްކަމަށާއި، ޤުރުއާނުގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް، މި އަހަރު ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވަމުން ވިދާޅުވީ އެމަނިކުފާނު ޤިޞޯސް ހިފުމަށް ވަކާލާތުކުރައްވަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންކަމަށާއި ފުރަތަމަ ސަބަބަކީ ޤުރުއާނުގައި އެގޮތަށް އަންގަވާފައިވާތީކަމަށާއި ދެވަނަ ސަބަބަކީ އާއިލާއަށް އިންސާފު ހޯދައިދިނުމަށްކަމަށެވެ. އަދި ޤައުމުގަ އެވަގުތު ހުރި ވެރިއެއްގެ މައްޗައް އެކަންކުރުން ލާޒިމުވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"...ޤުރުއާނުގަ ވަރަށް ސާފުކޮށް އެބައޮތް ޤިޞޯސް ހިފަންޖެހޭނެކަމަށް އަންގަވާފަ، މީހަކު ޙައްޤަކާނުލާ އެހެން މީހަކު މަރައިފިނަމަ، ވަލިއްޔުލްއަމްރުގެ މައްޗައް މަޖުބޫރުވާނެ ޤިޞޯސް ތަންފީޒުކުރަން، އާއިލާއިން މާފުނުދޭހާ ހިނދެއްގައި، އާއިލާއިން މާފު ދީފިއްޔާ ދެން ތަންފީޒުކުރާކަށް ނުޖެހޭނެ""ދެވަނަ ކަމަކަށް، އެއާއިލާއަށް އެބަޖެހޭ ޖަސްޓިސް ދޭން، މަރުވި މީހާގެ އާއިލާއަށް ތަސައްލީއެއް ދޭން ޖެހޭ އިނގޭތޯ!، އޭނާއަށް އަދުލު އިންސާފު ލިބޭނީ އޭނަ އެދޭގޮތަށް ހުކުމް ތަންފީޒުކޮށްދީގެން ދެއްތޯ" އުމަރު ވިދާޅުވީ އެމަނިކުފާނު މިވާހަކަ ދައްކަވަނީ ސިޔާސީ ބޭނުމެއްގައި ނޫންކަމަށާއި އެމަނިކުފާނުގެ ބޭނުމަކީ މިޤައުމު ހަމަމަގަށް އަޅުވައި އަމާން މަގުތަކަކަށް ހެދުންކަމަށެވެ. އަދި އެކަން ކުރެވޭނީ ޤިޞޯސް ހިފައިގެން ކަމުގައި އުމަރު ތަކުރާރުކޮށް ވިދާޅުވިއެވެ. ފަނޑިޔާރުގެތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން އުމަރު ވިދާޅުވީ ފަނޑިޔާރުގެތައް އަބަދުވެސް އޮންނާނީ އެހެންކަމަށާއި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެކަން އޮތީ އެހެންކަމަށެވެ. އުމަރު ވަނީ ފަނޑިޔާރުގެތަކަށް އިތުބާރު އޮތް ޤައުމެއް ދެއްކެވުމަށް އެދި ސުވާލުކުރައްވާފައެވެ.
"ފަނޑިޔާރުގެތަކުގެ ހާލަތު އަބަދުވެސް އޮންނާނީ އެހެން، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ފަނޑިޔާރު ގެއަށް، ދުނިޔޭގެ ކޮން ޤައުމެއްގައިތޯ ފަނޑިޔާރުގެއަށް ސަތޭކަ ޕަސަންޓު އިތުބާރު އޮތީ؟"ދިވެހިރާއްޖޭގައި ޤިޞޯސް ހިފުން ކޯޓުގައި އޮންނަ މަރުޙަލާ ކިޔާދެއްވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި މި މަރުޙަލާ ބައްޓަންކޮށްފައި އޮތް ގޮތުން، 11 ފަނޑިޔާރުން އެއްބަސްވެގެން މެނުވީ ޤިޞޯސް ހިފުމާ ހަމައަށް ނުދެވޭނެއެވެ. "11 ފަނޑިޔާރުން، އެއީ ތިން މަރުޙަލާއެއްގައި، އެގާރަ ފަނޑިޔާރުން ޔުނޭނިމަސްލީ އެއްވެސް ފަނޑިޔާރަކު ޑިސްއެގްރީ ނުވެ، ހުރިހާ ފަނޑިޔާރުން އެއްބަސްވެގެން ގޮސް ޤިޞޯސް ހިފާ ހަމައަށް އަންނާނީ ދިވެހިރާއްޖޭގައި މިހާރު އަޅުގަނޑުމެން ބައްޓަންކޮށްފައި އޮތް ގޮތުން" "އަޅުގަނޑުގެ ވެރިކަމެއްގައި މިހާރު ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމިފައި ތިބި މީހުން، އޭގައި އެބަތިބި އަޅުގަނޑަށް އިނގޭ ގޮތުން 3 މީހަކު މިހަރު ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމިފައި، އެމީހުންގެ މަރުގެ ޙުކުމް ތަންފީޒުކުރެވޭނެ، އަދި ތަންފީޒުކުރުމުގެ ކުރިން އާއިލާގެ މީހުންގެ ކައިރީގައި އެހޭނެ އެމީހުން އެކަމަށް ރުހޭތޯ ނުވަތަ ނުރުހޭތޯ…" "ދިވެހިރާއްޖެގެ އެއްވެސް ކެންޑިޑޭޓަކަށް ނުކެރޭގެ ޤިޞޯސް ހިފާކަށް އަޅުގަނޑަށް ނޫނިއްޔާ" އުމަރު ވިދާޅުވީ އެމަނިކުފަނު ފިޔަވައި އެހެން އެއްވެސް ކެންޑިޑޭޓަކަށް ޤިޞޯސް ހިފުމާ ގުޅޭގޮތުން ވާހަކަދައްކަވަން ކެރިވަޑައިނުގަންނަވާކަމަށެވެ. އަދި އެމަނިކުފާނަށް އެކަން ކުރަން ކެރޭނެކަމަށްވެސް ވިދާޅުވިއެވެ.






ކޮމެންޓް