ޚަބަރު ސިޔާސީ

ފުލުހުންގެ ސެކިއުރިޓީ ކެމެރާތަކަށް ހުރަސް އެޅޭ ގޮތަށް ހަރުކޮށްފައިވާ ކެމްޕޭން ތަކެތި ނަގަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުލުހުންގެ ސެކިއުރިޓީ ކެމެރާތަކަށް ހުރަސް އެޅޭ ގޮތަށް ހަރުކޮށްފައިވާ ކެމްޕޭން ތަކެތި 24 ގަޑިއިރު ތެރޭ ނަގަން އަންގައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މާލެސިޓީގެ އެކި ސަރަހައްދުތަކުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކޮށްފައިވާ ސެކިޔުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް ބަހައްޓަމުން ގެންދާތީ، އެކަން އެގޮތަށް ނުކުރުމަށާއި، އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް އީސީ އިން އަންގާފައިވާ ކަމަށެވެ.

‏އަދި ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނާ އެކީ އީސީ އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައްދަލުކުރި ދުވަހުވެސް މި ވާހަކަތައް ދަންނަވާފައިވާނެ ކަމަށާއި އެފަދަ ގަވާއިދާ ޚިލާފު ކަންކަން ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކެންޑިޑޭޓުންނަށް އިރުޝާދު ދެވިފައިވާ ގޮތުގެމަތީން، ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫންގޮތަކަށް، މަގުތަކުގަޔާއި، ޢިމާރާތްތަކުގައި، ކެމްޕޭން އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެދޭ ކަމަށެވެ.

‏"މިދެންނެވި ފަދަ ކަންކަން ހުއްޓުވުމަށް، ކޮންމެ ފަހަރަކު، ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއްނޫން" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި، ޢަމަލު ކުރަން ޖެހޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!