ޤާސިމް ދެކެ ލޯބިވިޔަސް، މިހާރު މި ކުރަނީ ޤައުމީ މަސައްކަތެއް: ސިޔާމް

އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަށް ތާއީދު ކުރާ މީހުން ވޯޓު ދޭނީ، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމަށް ކަމަށް ޤާސިމް ވިދާޅުވުމުން، ސިޔާމް ރައްދު ދެއްވައިފިއެވެ.
ރިޔާސީ ކެމްޕެއިނުގައި ސިޔާމަށް ތާއީދު ބޮޑު ނ.އަތޮޅަށް ވަޑައިގެން، ޤާސިމް ވިދާޅުވީ ސިޔާާމް އަކީ ވަރަށް ގާާތް ބޭފުޅެއް ކަމަށާއި، އޭނާގެ ސަޕޯޓަރުން ވޯޓު ދޭނީ ޤާސިމަށް ކަމުގައި ޔަޤީން ކުރައްވާ ކަމަށެވެ.
މި ވާހަކައަށް، ތ.ތިމަރަފުށީގައި ރައްދު ދެއްވަމުން ސިޔާމް ވިދާޅުވީ އޭނާ ހުރިހައި ރައްޔިތުން ދެކެ ލޯބިވާ ފަދައިން ޤާސިމް ދެކެ ވެސް ލޯބިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އޭނާ މިހާރު ނުކުމެ އެ ހުންނެވީ ޤައުމީ މަސައްކަތެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ޤާސިމަކީ ވެސް އަޅުގަނޑު ލޯބިވާ މީހެއް، އެހެންނަމަވެސް، އަޅުގަނޑު މި ހުރީ ޤައުމީ މަސައްކަތެއްގައި އައިސް. އަޅުގަނޑެއް ބޭނުމެއް ނުވޭ، މި ޤައުމު ކުރިއަށް މިދާ މިސްރާބު ބަދަލުކޮށް، އިތުރު މިސްރާބަކަށް ގޮސް، މި ޤައުމުގެ ރައްޔިތުންނަށް ލިބޭ ފާގަތިކަން ހިތާމައަށް ބަދަލު ކުރާކަށް ބޭނުމެއް ނުވޭ އަޅުގަނޑެއް."
ސިޔާމް ވިދާޅުވީ، އޭނާ ވެސް އެދިވަޑައިގަންނަވަނީ، ރައީސް ޞާލިޙު ވެސް ބޭނުންފުޅުވެލައްވާ ގޮތަށް، ރައްޔިތުން އުފާ ފާގަތިކަމުގައި ތިބުން ކަމަށެވެ.
"އަދި ބޮޑު ބަދަލަކުން މި ރާއްޖެ ބަދަލު ކުރަން ބޭނުންވަނީ." އޭނާ އިތުރަށް ވިދާޅުވިއެވެ.
ސިޔާާމްގެ ވާހަކައިގައި ވަނީ، ރައްޔިތުން އެދެމުންދަނީ ފުދުންތެރިކަމަށް ކަމަށާއި، އެކަން ކޮށްދެވޭނެ ބޭފުޅަކީ ރައީސް ޞާލިޙު ކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިޙަށް ރާއްޖޭގެ އިޤްތިޞާދު ދެ ގުނަ، އަދި ތިން ގުނަ ވެސް ކުރެއްވޭނެ ކަމަށާއި، މިހާރު ވެސް އެކަން ކުރައްވަމުންދާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.