މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި
ހަތް އަހަރު ފަހުން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ އަށް އިތުރުކުރެވިފައިވާކަމަށާއި މި އޮގަސްޓު މަހުން ފެށިގެން ބޮޑުވި ޖުޑީޝަލް އެލަވަންސް މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ލިބިގެންދާނެކަމަށެވެ.
އެ އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި މިއީ 2015 ވަނަ އަހަރަށް ފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ
މުވައްޒަފުންގެ މުސާރައަށް މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ.
ޑީޖޭއޭ އިން މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ދިނީ އަތޮޅުތެރޭގެ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 11 ކޯޓެއްގެ މުވައްޒަފުންނަށް އެކަންޏެވެ. ނަމަވެސް މި ބަދަލާއެކު 800 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.