ޚަބަރު ސިޔާސީ

އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް، ދެކުނުގައި ފްރީ ޓްރޭޑް ޕޯޓެއް ޤާއިމްކުރާނަން: ސަލީމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް، ދެކުނުގައި ފްރީ ޓްރޭޑް ޕޯޓެއް ޤާއިމްކުރާނެ ކަމަށް އަމިއްލަ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓް އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަލީމް އުމަރުގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރުގައި ބޮޑެތި އާގު ބޯޓު ފަހަރު ކައިރިކުރެވޭ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމްކުރުމާއެކު، ރާއްޖޭގެ ދެނުކުގައި ފްރީ ޓްރޭޑް ޕޯޓެއް ޤާއިމްކޮށްދެއްވާނެކަމަށެވެ.

"އުތުރަގައި ބޮޑެތި އާގު ބޯޓު ފަހަރު އެލޯންގްސައިޑް ކުރެވޭ ފެންވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރެއް އަޅުގަނޑުމެން ހަދާނަން. ހަމަ އެއާއެކު ފްރީ ޓްރޭޑް ޕޯޓެއް، ޒޯނެއް، އަޅުގަނޑުމެން ގާއިމު ކުރާނަން ދެކުނުގަ" ސަލީމް ވިދާޅުވިއެވެ.

ރޭ ބޭއްވި "ސަން ރިޕޯޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ނާއިބުކަންވެސް ކުރައްވާފައިވާ ސަލީމް ވިދާޅުވީ މިފަދަ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޤާއިމްކުރުމުގެ ވާހަކަ ދައްކާތާ ތިރީހަކަށް އަހަރު ވެދާނެކަމަށާއި މިހާތަނަށްވެސް ބަނދަރުގެ މަސައްކަތްނުކުރެވި އޮތީ، މި ސަރަހައްދުގެ ޤައުމުތަކުގެ އުނގުގައި ކުރީގެ ސަރުކާރުތަކުން އިށީނުމުންކަމަށެވެ.

ސަލީމް ވިދާޅުވީ އޭރު މި ބަނދަރު ޤާއިމުކުރެވުނުނަމަ، މި ރާއްޖެއަކީ މި ސަރަހައްދުގައި މުއްސަނދި ޤައުމަކަށް ވާނެކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ އެކި ސަރުކާރުތަކުން ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ހަދާފައިހުރި ޤަވާއިދުތައް އުމަރުގެ ވެރިކަމެއްގައި ނައްތާލާނެކަމަށެވެ. އެގޮތުން ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް މިހާރުވެސް 50 ޤަވާއިދު ހަދާފައި އެބައޮތްކަމަށާއި، އެގޮތަށް ހަދާފައިހުރި ހުރިހާ ޤަވާއިދުތައް ބާޠިލްކޮށް، ލުއި ފަސޭހަކަމާއެކު ކަންކަން ކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށްދެއްވާނެކަމަށް ސަލީމް ވިދާޅުވިއެވެ.

"ދައުލަތުން ނަގާ ފީތައް ކުޑަކުރާނަން، އަދި ކުދި ވިޔަފާރިތަކުން އެއް މިލިއަނުން މައްޗަށް ދިޔައިމަ މި ނަގައި އަޅުގަނޑުމެން ނުނަގައި އޭތި ޖައްސާނަން ފަސް މިލިއަނަށް، މިގޮތަށް ހެދީމަ ކުދިކުދި ވިޔަފާރިތަކާ މި ދުއްވާ އޮޑި ދޯނި ފަހަރުން ޓެކްސް އެއް ދައްކާކަށް ނުޖެހޭނެ" ސަލީމް ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ އުމަރުގެ ވެރިކަމެއްގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ހިންގާ ވިޔަފާރި ހުއްޓާލައި، އެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރާނެކަމަށާއި، މި ޤައުމު ކުރިއަރާނީ މިގޮތަށް ކަންތައް ކޮށްގެންކަމަށެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞޯދު ފުނޑުފުނޑުވެގެން މިދަނީ އެވަރުގެ ވިސްނުމެއް ނެތް ވެރިން ސަރުކާރާ ޙަވާލުވާތީކަމަށެވެ. އަދި މިފަހަރުގެ މި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ދައްކަވަނީ ބަނބުކެޔޮ ބޮނޑިބަތާއި ބިރިޔާނީ ކާންދޭ ވާހަކަކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!