ޚަބަރު

އެޑްމިޓް ކޮށްފައިވާ ދެ މީހަކާ ގުޅޭގޮތުން ފެތުރީ ދޮގު ޚަބަރެއް: އައިޖީއެމްއެޗް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ދަރުމަވަންތަ ހޮސްޕިޓަލް(ޑީއެޗް) ގައި އެޑްމިޓްކޮށްފައިވާ ދެ މީހަކާ ގުޅޭގޮތުން މީޑީއާގައި ރިޕޯޓްކުރި ވާހަކަތަކެއް އައިޖީއެމްއެޗް އިން ދޮގުކޮށްފި އެވެ.

Ads by STELCO

އައިޖީއެމްއެޗުން މައުލޫމާތު ހާމަކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެ ޕޭޝަންޓަކާއި ގުޅިގެން "ދިވެހި ޗެނަލް" އިން ރޭގެ ވަގުތެއްގައި ގެނެސްދިން ހަބަރަކާ ގުޅިގެންނެވެ.

އެ ހަބަރުގައި އެ ދެ ޕޭޝަންޓުންނަކީ އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމްގެ އާއިލީ ބައެއް ކަމަށް ބުނެފައިވާއިރު އެ ދެ މީހުން އެ ހޮސްޕިޓަލްގައި ޕްރައިވެޓް ކޮޓަރިތަކުގައި ތިބީ ފައިސާ ނުދައްކާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އެ ހަބަރު ދޮގުކޮށް އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެކި ބަލިބައްޔަށް ފަރުވާ ދެމުންދާ ޕޭޝަންޓުގެ ތެރެއިން އެ ދެ ޕޭޝަންޓުންނަކީ ، މެއި މަހުގެ އެއް ވަަނަ ދުވަހު ކޮވިޑް-19 ގެ އޭރުގެ ހާލަތާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލް ،  ކޮވިޑް-19 އަށް ހައްސަ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖެހުމާއި ގުޅިގެން އެ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ އަދި ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓަރީކޮށް، އެނދުމަތިކޮށް، އުސޫލުތަކާއި އެއްގޮތަށް ފަރުވާ ދެމުންދާ ޕޭޝަންޓުން ކަމަށެވެ.

އަދި އެ ޕޭޝަންޓުންނަކީ އާސަންދައިން ކަވަރު ނުކުރާ ޕްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައް ވެސް، ކަނޑައެޅިފައިވާ ގަވާއިދާއި އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތަކެއް ކަމަށާއި އެގޮތުން އެ ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމްގެ އާއިލީ ބައެެއް ކަމަށް އެ ހަބަރުގައި ރިޕޯޓް ކޮށްފައިވާއިރު އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ޑޮކްޓަރުން އަދި ޕޭޝަންޓުން ވެސް ބަދުނާމު ވާގޮތަށް ކަމުގެ ހަގީގަތް އެއްވެސް މިންވަރަކަށް ސާފުކުރުމެއް ނެތި މައުލޫމާތު ނުފެތުރުމަށް ވެސް އެދިފަ އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ހުރިހާ ރައްޔިތުންގެ ހިތުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެފަދަ ދޮގު ވާހަކަތައް ފެތުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!