ރައީސް ޞާލިޙް ވައްކަން ނުކުރައްވާނެކަން ކަށަވަރު، އެކަހަލަ ކަމެއްގައި ޖަލަށްވެސް ނުލާނެ: ފަޒްނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަސް އަހަރުގެ ވެރިކަން ނިމެން ކުޑަ ދުވަސް ކޮޅަކަށް ވެފައި އޮތްއިރު، އެހެން ސަރުކާރެއް އައި ނަމަވެސް، ވައްކަމާއި ޚިޔާނާތުގެ މައްސަލައެއްގައި އެމަނިކުފާނު ޖަލަށް ދާން ޖެހިވަޑައިގަންނަވާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ހެނދުނު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފަޒްނާ ވަނީ ރައީސް ޞާލިޙުގެ އަނބިކަނބަލުންގެ ހައިސިއްޔަތުން ވާހަކަދައްކަވައި އަމިއްލަ ދިރިއުޅުއްވުމާއި ސިޔާސީ ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން، ރައީސް ޞާލިޙް ވައްކަމެއް ނުކުރައްވާނެކަން ކަށަވަރުވާކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ހަމަ 'މަރުޔަގީން' އިބޫ [އިބްރާހިމް މުހައްމަދު ސޯލިހު] ވައްކަމެއް ނުކުރާނެ. އެހާ ޔަގީން ކަމެއް [އެހެން ކަމެއްގައި] ނުވެސް ނެތް" ފަޒްނާ ވިދާޅުވިއެވެ.މީގެ އިތުރުން، އެމަނިކުފާނުގެ ވެރިކަން ނިމުމުން، އެހެން ބޭފުޅަކު ރައީސް ކަމަށް ވަޑައިގެންނެވިނަމަވެސް، ރައީސް ޞާލިޙް ޚިޔާނާތްތެރިވެގެން ޖަލަށް ނުލާނެކަމުގެ ޔަޤީންކަން އޮތްކަމަށާއި "މީހަކު ރުޅިއައިސްގެން ވެސް ޖަލަށް ލުމަށް، ގާނޫނުތައް ދުރު" ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެކަން ކުރެވެން އޮތީ، ފަޒްނާ ވިދާޅުވި ގޮތުގައި، ވަރަށް ހުދުމުހުތާރު ވެރިއަކު ވެރިކަމަށް އައިސްގެންނެވެ.
"އެކަމުގައި ޖަލަށް ލާފާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން....އެ ދުވަހަކުން އަޅުގަނޑު ވަރަށް ދެރަވާނެ. އުމުރުން ވެސް ވަރަށް ދުވަސްވެފައިތާ ހުންނާނީ،" ފަޒްނާ ވިދާޅުވި އެވެ.
ރައީސް ޞާލިޙް ވައްކަން ކުރައްވާކަމަށް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ މައްސަލައިގައި އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ ވައްކަމާ ގުޅުވައި އެކި ވަނަންތަކުން މުހާތަބު ކުރައްވައި ފަތުރުއްވަނީ އެއްވެސް ހަގީގަތެއް ނެތް، އަސްލެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި، 25 އަހަރު މަޖިލީހުގައި އުޅުއްވުމަށް ފަހު ގެއަށް ވަޑައިގެންނެވި ނަމަ، މީހުން ވަރަށް ބޮޑަށް ގަބޫލުކުރާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އޭރުން މީީހުން ގަބޫލުކުރާނީ "އެކަހަލަ އެއްވެސް ކަމެއް ނެތް" ބޭފުޅެއް ގޮތުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، ސިޔާސީ ގޮތުން އަނެއްކާވެސް ނުކުމެވަޑައިގަތުމުން، މީހުން އެއްޗެހި ކިޔާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ވައްކަމާއި ހިޔާނާތާ ގުޅުވައިގެން މީހުން ދައްކާ އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ސިޔާސީ ދާއިރާގައި ކުރިއަށް ވަޑައިގަންނަވަނީ މީހުން އެ ގޮތަށް ކިޔާ އެއްޗެއްސަށް އަޅާލެއްވުމެއް ނެތިކަމަށެވެ."އަޅުގަނޑުގެ ޖީބަކަށް ނުވަތަ އެކައުންޓަކަށް އިރާދަކުރެއްވިއްޔާ ދައުލަތުގެ ފައިސާއެއް ނަހަމަ ގޮތުގައެއް ނުވަންނާނެ. އަޅުގަނޑަށް ލިބޭ މުސާރަ ވަންނާނެ،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
ރައީސް ޞާލިޙުގެ ހާއްސަ ސިފައެއްގެ ގޮތުގައި ފަޒްނާ މިއަދު އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އެމަނިކުފާނުގެ ކެތްތެރިކަމާއި ހިތްތިރި ކަމެވެ.
"އެއީ އިބޫގެ މިޒާޖުގައި ނުހުންނަ ސިފައެއް. މީހުންގެ ވާހަކަ ދައްކަން އިބޫގެ ބޮލަށް ވަރަށް ތުރާވާނެ،" ފަޒްނާ ވިދާޅުވި އެވެ.އަދި ކެމްޕޭންތަކުގައި ވެސް މީހުންނާ ދިމާއަށް އެއްޗެހި ކިޔުމާއި ފާޑުކިޔުމަކީ ރައީސްގެ ނުހުންނަ ސިފައެއްކަމަށް ފަޒްނާ ވިދާޅުވިއެވެ.







ކޮމެންޓް