ކޯލިޝަން ހެދުމާމެދު ޑިމޮކްރެޓްސްއިން މިރޭ ގޮތެއް ނިންމަނީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ގޮތަކާ މެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ޑިމޮކްރެޓްސް އިން ވިދާޅުވެއްޖެއެވެ.
އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މިރޭ 21:00ގައި އޮންނަ ޑިމޮކްރެޓްސް ކައުންސިލްގެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާމެދު ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންކަމަށްވާ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް ދެ ކެންޑިޑޭޓުންވެސް ވަނީ ޑިމޮކްރެޓްސްއާ މަޝްވަރާކޮށްފައެވެ. ދަ ޑިމޮކްރެޓްސްގެ ހުށައެޅުމަކީ ނިޒާމީ ވޯޓެއްނެގުމެވެ. ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްނުވާނަމަ އެކުގައި މަސައްކަތްކުރުމަށް ދަތިވާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޙަސަން ލަތީފް ވިދާޅުވީ އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީޢާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށެވެ. އެގޮތުން ޕީޕީއެމާއެކު ކުރެވުނު މަޝްވަރާތަކުގައި އެއްވެސް އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށާއި، އެހެންކަމުން އެއްވެސް އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިނުވާކަމަށް ޙަސަން ވިދާޅުވިއެވެ. އަދި އެމްޑީޕީން، ޑިމޮކްރެޓްސްގެ އެ ހުށަހެޅުމާއިމެދު ވަކިގޮތެއް އަދި ނިންމަވާފައި ނުވާކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.