ކެންސަރު ބަލީގައި، ކުޑަ އަންހެން ކުއްޖަކު ނިޔާވެއްޖެ

އޯވަރީއަށް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ރެހެންދި ސްކޫލުގެ އުމުރުން 10 އަހަރުގެ އައިމިނަތު އަލީ އާދަމް (އާމި) ނިޔާވެއްޖެއެވެ.
އޭނާ ނިޔާވިއިރު ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގައެވެ.
އޮވޭރިއަން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އާމި އިތުރު ފަރުވާއަށް އަވަށްޓެރި އިންޑިއާއަށް ވެސް ގެންދިޔަ ނަމަވެސް، އެތައް ސާޖަރީއެއް ފަހުންވެސް އޭނާގެ ކެންސަރު ދިޔައީ ފެތުރެމުންނެވެ.
އެކަމުގެ ސަބަބުން އޭނާއަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރުން އުއްމީދު ވެސް ކަނޑައިލީއެވެ.
ހުޅުމާލެ ރެހެނދި ސްކޫލުގައި ގްރޭޑް 5 ބީ ގައި ކިޔަވަމުން ދިޔަ ދަރިވަރު، އާމި އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ އަހަރުއެވެ.
އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 22:30 ގައި ހުޅުމާލެ ސަހަރާގައި އޮންނާނެއެވެ.
އޮވޭރިއަން ކެންސަރު، ކުޑަކުދިންނަށް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.