ޚަބަރު

ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން އެއްގަމު އުޅަނދުތަކުގައި ނޫސްވެރިންނަށް އުޅެވޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނޫސްވެރިންނަށް ރޭގަނޑު 20:00 ގެ ފަހުން ވެސް އެއްގަމު އުޅަނދުތަކުގައި ބޭރުގައި އުޅެވޭނެ ކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ދެއްވައިފި ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 ގެ ފެތުރެމުން އަންނަ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއަކު 20:00 އިން ފަތިހު 5:00 ޖަހަންދެން މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވެފައިވަނީ ނޫސްވެރިންނަށް ޖެކެޓު ލައިގެން ނޫނީ ކާކުކަން އެނގޭ އެހެން ގޮތަކަށް ޓެކްސީގައި ދަތުރު ކުރުން އެދެވޭ ކަމަށެވެ.މިކަމާއި ގުޅޭގޮތުން މިއަދު އެމްއެމްސީން ވަނީ ފުލުހުންނާއި އެޗްއީއޯސީ އާއި ބައްދަލުކޮށްފައެވެ.

މިމަޝްވަރާތަކަށް ފަހު މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންނަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރަން އެއްގަމު އުޅަނދުތަކުގައި އުޅެން ހުރަހެއް މިހާރު ނޯންނާނެ ކަމުގެ ޔަގީންކަން ފުލުހުންނާއި އެޗްއީއޯސީއިން ދީފައިވާ ކަމަށެވެ.

"ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލުގެނެސް ރޭގަނޑު 20:00އިން ފަތިހު 5:00އަށް އާންމު ވެހިކަލް ނުދުއްވޭނެ ކަމަށް ނިންމާ އިއުލާން ކޮށްފައިވީނަމަވެސް، ނޫސްވެރިންނަށް ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއް ނެތްކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާ މި ކައުންސިލުން މަޝްވަރާކޮށް ވާނީ ހޯދާފައެވެ." އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!