މެޖިސްޓްރޭޓް އަލީ އާދަމް މަޤާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވާން ފުރުސަތު ދެނީ
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މައްޗަށް ސާބިތުވި މައްސަލައިގައި، ފަނޑިޔާރުކަމުގެ މަޤާމުން އެބޭފުޅާ ވަކިކުރުމުގެ ކުރިން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ޢަލީ އާދަމަށް ދިނުމަށް ހުށަހަޅުއްވައިފައެވެ. އަދި ޖޭއެސްސީގެ ކަމާގުޅޭ ބޭފުޅުން ހާޒިރުކޮށް މަޢުލޫމާތު ސާފުކުރަންޖެހޭ ކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރާ ގޮތަށް، މި މައްސަލާގައި ވެސް ޖޭއެސްސީން ޢަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ އެއް ގޮތަށްތޯ ބެލުމަށް، އެ މައްސަލަ ދިރާސާކުރާ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ނިންމި ނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ފާހަގަކުރެއްވިއެވެ.
އެގޮތުން، މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ހުށަހަޅުއްވާފައިވާ ގޮތަށް، މިފަދަ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކީ ތުހުމަތުވާ ފަނޑިޔާރަށް ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުންކަމަށް ޢަލީ ވަނީ ވިދާޅުވެފައެވެ.
"އާދައިގެ ކަމެއްގެ ވާހަކައެއް ނޫން އަޅުގަނޑުމެން މި ދައްކަނީ. ލައިފްޓައިމަށް އެޕޮއިންޓުކޮށްފަ ހުންނަ މީހަކު ރައްޔިތުންގެ މަޖިލީހުން ވޯޓެއް ދޭ އިރު، އަޅުގަނޑަށް ފެނޭ މި ކޮމިޓީއަށް ހާޒިރުވާން ބޭނުން ކަމަށްވާ ނަމަ، އެ ފަނޑިޔާރު މީހާ ކޮމިޓީއަށް ވެސް ހާޒިރުކޮށްފައި ސުވާލު ކުރަން،" އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިންގެ އެ ހުށަހެޅުއްވުމަށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ.
މެޖިސްޓްރޭޓުގެ މަޤާމުން އަލީ އާދަމް ވަކި ކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ މެސެޖުތަކެއް ކޮށްފައިވާ ކަމަށް މެޖިސްޓްރޭޓް އަމިއްލައަށް އިއުތުރާފުވެފައިވާތީއެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ޢަލީ އާދަމް މިއަހަރު މޭ މަހުގައި މަޤާމުން ސަސްޕެންޑުކޮށްފައިވާއިރު، ހަމަ އެފަދަ އެހެން މައްސަލައެއް އޭގެ ފަހުންވެސް ޖޭއެސްސީގެ ސަމާލުކަމަށް އައިސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
އޭނާސާއި ގުޅޭ ސުލޫކީ އެކި އެކި މައްސަލަ ޖޭއެސްސީން މީގެ ކުރިންވެސް ބަލާފައިވާއިރު، ޖޭއެސްސީގެ ތަހުޤީޤުން ނިންމާފައިވަނީ ޢަލީ އާދަމް ނުރަނގަޅު ނިޔަތެއް އޮވެގެން އެ އަންހެން މީހާ ހުރި ޙާލަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފައިވާކަމަށެވެ.
އެހެންކަމުން ޢަލީ އާދަމްގެ އެ ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ މާއްދާތަކާ ޚިލލާފު އަމަލުތަކެއްކަން ސާބިތުވާތީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމައި އެ މައްސަލަ މަޖިލީހަށް ވަނީ ފޮނުއްވައިފައެވެ.