ޚަބަރު އިޖުތިމާޢީ

ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދިނުމަށް ނިންމައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ސެންޓަރ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

Ads by Sosun Fihaara

އަމީނިއްޔާ ސްކޫލާ އިންވެގެން ހުރި ސީއެޗްއެސްއީ މިހާރު ހިންގަމުން އަންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ. ސީއެޗްއެސްއީގެ އިމާރާތް ބާވެ، މަރާމާތުކުރަން ޖެހިފައިވާތީ އެ ސްކޫލް ވަނީ މިދިޔަ އޮގަސްޓު މަހު ހުޅުމާލޭގެ އައު އިމާރާތަށް ބަދަލުކޮށްފައެވެ.

ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުވުމުން އަމީނިއްޔާއިން ވަނީ އެ ބިން އެ ސްކޫލަށް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައެވެ.

އަމީނިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލްކުރާ ކުދިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ، އެ ސްކޫލުގެ ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން 2018 އަހަރު ވަނީ އެ ސްކޫލުގައި ބޭނުންކުރި ބާ ކްލާސްރޫމްތައް ތަޅާލައި، އާ އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުންކުރަންފަށާފައެވެ.

ސީއެޗްއެސްއީގެ އިމާރާތް މަރާމާތު ކުރުމަށްފަހު އަމީނިއްޔާ ސްކޫލަށް ދިނުމަށް ނިންމި އެންމެ ބޮޑު ބޭނުމަކީ އަމީނިއްޔާ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުންކަމުގައި އެ ސްކޫލުން ވަނީ މަޢުލޫމާތުދީފައެވެ. އެ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށް އަދި 30 އަކަށް ކްލާސްރޫމް ބޭނުންވާނެކަމަށާއި ސީއެޗްއެސްއީގެ އިމާރާތް ލިބުމުން އެ މައްސަލައަށް ޙައްލެއް ލިބޭނެކަމަށް ޤަބޫލުކުރާކަމަށް އެ ސްކޫލުން ވަނީ މަޢުލޫމާތުދީފައެވެ.

އަމީނިއްޔާ ސްކޫލް ހިމެނޭހެން މާލޭގެ އެންމެ ބޮޑު ތިން ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަށް އަންނަ މަސައްކަތުގެ ތެރެއިން، އަންނަ އަހަރުގެ ދެވަނަ ޓާމްގައި އަމީނިއްޔާ ސްކޫލް އެއްދަންފަޅިއަށް ކިޔަވައިދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ މަޖީދިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރިކަމަށް ވިދާޅުވެފައެވެ.

"ޕްލޭންގައި އެބަހުރި މަޖީދިއްޔާ، އިސްކަންދަރު އަދި އަމީނިއްޔާ އެއްދަންފަޅިއަށް ހެދުމަށް. ސީއެޗްއެސްސީއަށް އެބަ ހަދަން ހުޅުމާލޭގައި އާ އިމާރާތެއް. ހުޅުމާލެއަށް ބަދަލުކުރެވުނީމަ މާލޭގައި ހުރި ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެކަހަލަ ޕްލޭންތަކެއް އެބަ ގެންގުޅެން" މިނިސްޓަރ ވިދާޅުވިއެވެ.

1944 ވަނަ އަހަރު އަންހެން ކުދިންނަށް ޚާއްސަކޮށްގެން ކިޔަވައިދޭން ފެށި އަމީނިއްޔާ ސްކޫލުގައި 2010 ވަނަ އަހަރުން ފެށިގެން އަންނަނީ ދެޖިންސުގެ ކުދިންނަށް ކިޔަވައިދެމުންނެވެ.

މާލެ ސަރަޙައްދުގައި އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކީ ދަރުމަވަންތަ ސްކޫލާއި، އިއްޒުއްދީން ސްކޫލާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލާއި ވިލިމާލޭގައި ހުންނަ މުހިއްޔިއްދީން ސްކޫލެވެ.

Ads by Allied Insurance
  1. ޢިންސާފް

    ކޮބާތޯ އިންސާފަކީ؟ ޢިސްކަންދަރު އިސްކޫލަށް 2 ކިލސް އިތުރު ކޮށްދިނުމަށް އެދުނީމައި އެކަމެއް ނުވި. ޢަދިވެސް އަމީނިއްޔާއަށް ތޯ ދޭން ހައްގުވަނީ؟