ޚަބަރު

ސަރުކާރު ބޮއްސުންލާފައިވާ މިންވަރު ޓްރާންސިޝަން މަސައްކަތްތަކުގެ ތެރޭގައި ހާމަވެގެންދިޔަ: ޝިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސަރުކާރު ބޮއްސުންލާފައިވާ މިންވަރު ޓްރާންސިޝަން މަސައްކަތްތަކުގެ ތެރޭގައި ހާމަވެގެންދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސިޝަން މަސައްކަތްތަކުގައި ސަރުކާރުގެ އެކިއިދާރާތަކުން އެއްބާރުލުން ދެއްވާކަމަށް ޤަބޫލުކުރައްވަންތޯ ވިދާޅުވެ ޕްރެޒެންޓަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ ބައެއް އިދާރާތަކުން ޓްރާންސިޝަން މަސައްކަތްތަކަށް އެކަށީގެންވާ އެއްބާރުލުން ނުދެއްވާތީ އެކަމާ ހިތާމަކުރައްވާކަމަށެވ.

އަދި މި މަރުޙަލާގައި ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކާއި އަދި މުއައްސަސާތައް ޖަވާބުދާރީކުރުމުގެ މަސައްކަތްތައް ކުރެވިގެންދިޔަކަމަށާއި ސަރުކާރުގެ ކަންކަން ބޮއްސުންލާފައިހުރި މިންވަރު ހާމަވެގެންދިޔަކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު ޕީޕީއެމް/ޕީއެންސީން އެބޭފުޅުން އަބަދުވެސް ދިޔައީ މި ސަރުކާރުގެ ކަންކަން ބޮއްސުންލާފައި ހުރި މިނަވްރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަސައްކަތްތައް ބޮއްސުން ލާފައި ހުރި މިނަވަރު އެބޭފުޅުން ދިޔައީ ކިޔައިދެމުންކަމަށާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަންނަވާއިރު ކަންކަން ފަސޭހަފުޅުނުވާނެކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

"އެއީ މިދެންނެވި ގޮތައް ވަރަށް ގިނަ ކަންކަން ބޮއްސުންލާފައި ވަރަށް ގިނަ ކަންކަން އެނގިވަޑައިގަންނަވާނެ، އެ ހުރީ ރައްޔިތުންނަށް ވީ ވަޢުދު ނުފުއްދިފަ. އެކިކަހަލަ ކަންކަން މެދުވެރިވެގެން. އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ޤައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްކަން. ވަކިން ޚާއްޞަކޮށް އިޤްތިޞާދީ ހާލަތު، މާލީ ހާލަތު، ޤައުމުގެ ދަރަނި މިކަންތަކަކީ އަޅުގަނޑުމެން އޭރުވެސް އެކަންކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ކަންތައްތައް" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޓީތަކާއި ސަބްކޮމިޓީތަކުން ބައެއް އިދާރާތަކަށް ގޮސް މަޢުލޫމާތުތައް އެއްކުރި ހިސާބުން ހަޤީޤަތުގައިވެސް އެބޭފުޅުން ހީކުރިވަރަށްވުރެ ކަންކަން ގޯސްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"ބައެއް އިދާރާތަކުގައި ރަނގަޅަށް އެކައުންޓު ކުރެވިފައެއްވެސް ނެތް. ބައެއް މަޢުލޫމާތުތައް ޙިއްޞާކުރައްވަންވެސް ދެކޮޅުހައްދަވާ" ޝިޔާމް ވިދާޅުވިއެވެ.

މިހެން ދެންނެވި ނަމަވެސް ބައެއް މުއައްސަސާތަކުން އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ މިހާރު ޓްރާންސިޝަން ކޮމިޓީގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމެނީކަމަށާއި ރިޕޯޓު ކޮމްޕައިން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއާއި ބައްދަލުކުރައްވައި ޓްރާންސިޝަންގެ މަސައްކަތްތައް އަމާންކަމާއިއެކު ކުރިއަށް ދާނެކަމަށް ވިދާޅުވިނަމަވެސް އެމަގުން ކަންތައްތައް ނުދާކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިއަދުގެ މި ސަރުކާރުގައި އެބޭފުޅުން ވިދާޅުވާހާގޮތަކަށް ހުރިހާ ކަންކަން ނުވޭ. ދިމާ އިދިކޮޅަށް ކަންތައްތައް ދާތަން މި 5 އަހަރުތެރޭގައި އަޅުގަނޑުމެންނަށް ފެނުނީ. އެހެންވީމަ އަދި އިންތިޚާބުން ބަލިވެވަޑައިގެން ހުންނެވި ވަގުތެއްގައި ވިދާޅުވާ ވާހަކަފުޅެއް އަޅުގަނޑުމެން އެކަންތައްތައް އަކުރުން އަކުރަށް ތަންފީޒުވާނެކަމަކަށް އަޅުގަނދުމެން އޭރުވެސް ޤަބޫލެއް ނުކުރަން،. އަދި މިހާރު އެކަންތައްތައް އެގޮތަށް ދާތީ އަޅުގަނޑުމެން ހިތާމަވެސް ކުރަން އިނގޭތޯ" ޝިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން މި މަސައްކަތްތަކުގައި ލިބިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ޖުމްލަ ގޮތެއްގައި ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުން ޑިސިޕްލިން ވާނެކަމަށާއި ކުރިން ސަރުކާރުތައް ބަދަލުވާއިރު އެފެންނަ ފަދަ ނުތަނަވަސްކަމަކާއި އުދަނގޫތަކެއް އެބޭފުޅުންގެ ފަރާތްޕުޅުން ނުފެންނާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!