ބާރުގަދަ ގޮވުމެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް މާލެ ގެންނަނީ

ހދ. މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ތަހުލީލް ކުރުމަށް ބޭނުންވާތީ މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށެވެ.
މަކުނުދޫ އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި މަރުވީ އިންޑިއާއަށް ނިސްބަތްވާ ދެ ރައްޔިތުންނެވެ. އެ ދެ މީހުންނަކީ މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެރަށަށް ގޮސް ތިބި ދެ ބިދޭސީންނެވެ.
މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޮވި މި ގޮވުމުގެ އަޑު ވަރަށް ދުރަށް ފޯރާފައި ވާއިރު މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތަށް ވަނީ މި ގޮވުމާއެކު އެކި ތަންތަނަށް ބުރައިގެން ގޮސްފައެވެ.
މީގެ އިތުރުން މި ގޮވުމާއެކު ބަނދަރު ސަރަހައްދުގައި އަޅާފައިވާ ބައެއް ދޯނިތަކާއި އެއްގަމުގައި ޕާކްކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފައެވެ.