ރޯގާ އިތުރުވަމުންދާތީ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި!

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރޯގާގެ ބަލިތައް އިތުރުވަމުންދާތީ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ރޯގާގެ ބަލިމަޑުކަން އާންމުވެފައިވާކަމަށާއި މިކަމަށް ޙައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ފުއްޕާމޭގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް "މިހާރު" ނޫސް އަށް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ރޯގާ ކޮންޓްރޯލް ވާން ދެ އަހަރު ވެސް ނަގާފާނެ ކަމަށް ބެލެވެނީ" އެ ޑޮކްޓަރު ވިދާޅުވިއެވެ.
ސްކޫލް ބަންދަށްފަހު އޮގަސްޓު މަހުން ފެށިގެން މި ބަލިތަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ ސްކޫލްތަކުގެ ކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި އެކި އުމުރުފުރާ ތަކުގެ މީހުންވެސް ރޯގާގެ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަކަމަށެވެ. އަދި ގިނަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަނީ ރޯގާ ރަނގަޅުނުވެގެން ޑޮކްޓަރަށް ދައްކާ މީހުންކަމަށްވެސް އޭނާ ވިދާޅުވީއެވެ.
"މި ފަހުން ސްކޫލުތައް ހުޅުވި ދުވަސްވަރު މި ޕެޓާން ފެނިފައި ވަނީ" ފުއްޕާމޭގެ ޑޮކްޓަރު ވިދާޅުވިއެވެ.
ރޯގާގެ ކޭސްތައް އިތުރުވަމުންދާއިރު، ކޮވިޑް ޖެހުމުގެ ސަބަބުން ފުއްޕާމޭގައި އިންފެކްޝަން އުފެދިގެން މިހާރުވެސް ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.