ޚަބަރު

މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް އަލުން ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ހަރަދުކުރުމަށް ބޭނުންވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގައި ހުންނަންޖެހޭނެކަމަށް މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު އަނބުރާ މަޖިލީހަށް ފޮނުވައިފިއެވެ.

Ads by Hajj Corporation

ފިނޭންސް މިނިސްޓްރީން ބުނީ މާލިއްޔަތު ގާނޫނު އިސްލާހު ކުރި އިރު، ޕްރޮގްރާމް ބަޖެޓް ހުށަހަޅަންޖެހޭ ގޮތަށް އިސްލާހުކޮށްފައިވާ ކަމަށެވެ. އަދި ބަޖެޓް ތައްޔާރުކޮށްފައިވަނީ އެގޮތަށް ކަމަށާއި، މަޖިލީހުން އިތުރަށް ބޭނުންވާ މައުލޫމާތު ހިމަނާ އަލުން ސަޕްލިމެންޓްރީ ބަޖެޓް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާގޮތުގައި، ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށައަޅާނަމަ ޤާނޫނުގައި ބަޔާންކުރާގޮތަށް ބަޖެޓު ތައްޔާރުކުރުމަށްފަހު އެ ފައިސާއެއް ނުވަތަ އެބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެއެވެ.

އަދި އެ ހުށައަޅާ ބަޖެޓުގައި ދައުލަތުން ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުންހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު ހިމަނަންވާނެކަމަށް މާލިއްޔަތު ޤާނޫނުގައިވެއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މިމަހުގެ 18ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!