ޚަބަރު

ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އެދިއްޖެ 

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުވެފައިވާތީ، ބަލިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭއިން) އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

އެޗްޕީއޭއިން ވިދާޅުވީ، މިދުވަސްވަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ހއ.އަތޮޅުންކަމަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުޅުމާލެއިން 97 މީހަކަށް ބަލި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މާލެއިން 40 މީހުންނަށް އަދި ހއ.އަތޮޅުން 37 މީހަކަށް ވަނީ ބަލިޖެހިފައެވެ.

އެޗްޕީއޭއިން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ޑެންގީގެ ކޭސްތަށް އިތުރު ވެދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މަދިރި އުފެދޭ ތަންތަން ނައްތާލައި، މަދިރިން ސަލާމަތްވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެ ފަދަ ތަކެތި ނައްތާލައި، މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުންކުރެވިދާނެއެވެ.

މީގެ އިތުރުން މަދިރި އެންމެ ގިނަވާ ގަޑިތައް ކަމުގައިވާ، ހެނދުނު އިރުއަރާ ގަޑިއާއި އަދި ހަވީރު އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް ސަމާލުކަންދޭން ޖެހެއެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި، ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައާއި ލޮލުގައި ރިއްސުމާއި އަދި ހަމުގައި ކުދި ބިހިތައް ނެގުން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!