ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓަށް އިންޒާރުދިން މީހަކު 15 ދުވަހަށް ބަންދުކޮށްފި

ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓާއި އެ ކޯޓުގެ މުވައްޒަފުންނަށް ބިރުދައްކާ އިންޒާރު ދިން މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.
އެ ކޯޓުގެ މެޖިސްޓްރޭޓާއި މުވައްޒަފުންނަށް ބިރުދައްކާ އިންޒާރު ދީފައި ވަނީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ.
އެ ފިރިހެން މިހާ ހައްޔަރުކޮށްފައި ވަނީ ބިރުދައްކާ އިންޒާރުދީ މަސްތުވާތަކެތި ގެންގުޅު ކަމުގެ ތުހުމަތުގައެވެ.
މިގޮތުން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ އޭނާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި މެޖިސްޓްރޭޓަށް ބިރުދައްކާ އިންޒާރު ދިން ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން އޭނާގެ ހައްޔަރާއި ބަންދުގެ ގިނަ އަދަދެއްގެ ކުށްތަކުގެ ރެކޯޑް ހުރިއިރު، ބިރުދައްކާ އިންޒާރު ދިނުމުގެ ގިނަ މައްސަލަތަކުގެ ރެކޯޑް ހުރުމުން ބަންދުން ދޫކޮށްލައިފިނަމަ މިކަން ތަކުރާރު ވުމުގެ އިހުތިޔާރު ބޮޑުކަމަށްވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ ކަމަށްވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.