ސާޖިދާގެ ވިސްނުންފުޅު ހުރީ އެންޖީއޯތަކަށް އެހީތެރިވެވަޑައިގަތުމަށް

އަމިއްލަފުޅު އެންޖީއޯއެއް އުފެއްދެވުމުގެ ބަދަލުގައި، އެކަމަނާގެ ވިސްނުންފުޅު ހުރީ، ރާއްޖޭގައި މަސައްކަތް ކުރާ އެކި އެންޖީއޯތަކަށް އެހީތެރިވުމަށް ކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ އިޖްތިމާޢީ ދާއިރާއިން ޤައުމަށް ޚިދުމަތްކުރެއްވުމުގެ ޝައުގުވެރިކަން ފައުޅުކުރައްވައިފައެވެ. މިހާރު ވެސް ރާއްޖޭގައި، އެކި ދާއާތަކުގައި މަސައްކަތް ކުރާ އެންޖީއޯތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކަށް ދަތިވާ ކަންކަމާއި، ޝަކުވާތައް އަޑުއައްސަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވާނީ، އެންޖީއޯތަކަށް ދަތިވާ ކަންކަން ފަހިކޮށްދެއްވުމަށް ކަމުގައި ވެސް އެ ކަމަނާ ވިދާޅުވިއެވެ.
"އެގޮތުން އަޅުގަނޑު ހަމަ، ހުރިހައި ފަރާތްތަކާއިވެސް ބައްދަލުކޮށް، އެ ބޭފުޅުންގެ ހުރި މައްސަލަތަކަކީ ކޮބައިތޯ، އެ ބޭފުޅުންނަށް އަޅުގަނޑުގެ ފަރާތުން ބޭނުންވަނީ ކޮންކަހަލަ ސަޕޯޓެއްތޯ ބަލައި، އަޅުގަނޑު ބޭނުންވަނީ، އެކަމުގަ ހަމަ މަސައްކަތް ކުރަން." ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން ސާޖިދާ ވިދާޅުވީ، އެ ކަމަނާ މަތީ ތަޢުލީމު ޙާސިލު ކުރައްވަވައި، ޚިދުމަތް ކުރެއްވި ކާބޯތަކެތީގެ ދާއިރާ އިން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރެއްވުމުގެ ވިސްުންފުޅު ވެސް ގެންގުޅުއްވާ ކަމަށެވެ.