ޚަބަރު

މެޑަމް ސާޖިދާއާ ދިމާކޮށްލުމުން އީވާގެ ވަރުގަދަ ހަމަލާތަކެއް އެމްޑީޕީއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދަވާ ވަޒީފާގައި ދެމިހުންނަވާތީ އެމްޑީޕީގެ މެމްބަރުން ޒާތީވެގެން އުޅޭ ކަމަށް މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި ދެމިހުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ އެކު ސާޖިދާ ހެދި ކޮންޓްރެކްޓު ބާތިލް ކުރަން ގޮވާލައި މަޖިލިހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިހާރު ދިމާވެގެން މި އުޅެނީ ސިވިލް ސާވިސް ކޮމިޝަނުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި މައްސަލަ ބަލަމުން ދަނިކޮށް ކުއްލިއަކަށް "ކުއްލި މައްސަލައެއްގެ" ގޮތުގައި ގައުމާއި ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމުގެ ނަމުގައި ކުރިއަށް ގެންދަން ޖެހޭ ސަބަބެއް އޭނާ އަށް އެއްވެސް ވަރަކަށް ވިސްނިވަޑައިނުގަންނަވާ ކަމުގައި އީވާ ވިދާޅުވިއެވެ.

"ވެރިކަން ކުރާ މީހާގެ ސްޕައުސް، ވަޒީފާ އަދާކުރަންވީ ނުވަތަ އާމްދަނީ ލިބެންވީ ކޮން ގޮތަކަށްތޯ އެއީ ވިސްނަން ޖެހޭ ކަމެއް." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި މުޅި އުމުރު ދުވަހު ކުރައްވަމުން ގެންދެވި މަސައްކަތް ނިންމާލަން ނުވަތަ މެދުކަނޑާލަން ޖެހުނީމަ ކުޑަ އުނދަގުލެއް ހުރެދާނެއެވެ. އަދި ފަސްޓްލޭޑީ ކަމަށް ވަޑައިގަތީމަ، ތާއަބަދަށް ވަޒީފާ ގެއްލިގެން ދިޔައީތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އެހެންވެ، މި މައްސަލަ ކޮމިޓީގައި އޮއްވައި މަޖިލިހުގެ ތަޅުމަށް ހުށަހަޅައިގެން ސާޖިދާ އަށް ފުރައްސާރަ ކުރަމުންދާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވިދާޅުވީ މި ކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންދަނިކޮށް، ކުއްލި މައްސަލައެއްގެ ސިފާގައި މި ކަން މަޖިލީހުގެ ތަޅުމަށް ގެނައީ، ހައްލެއް ހޯދުމުގެ ބަދަލުގައި ސާޖިދާ އާ ޒާތީ ގޮތުން ދިމާކުރަން ކަމަށެވެ.

ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން އުޅޭ ކަމަށް އެމްޑީޕީން ތުހުމަތު ކުރާ ނަމަ، އެ ކަން ވެސް ބެލޭނެ ވަރުގެ މެޖޯރިޓީއެއް އެމްޑީޕީއަށް އެބަ އޮތް ކަމަށެވެ. އޭގެ ބަދަލުގައި، ކުއްލި މައްސަލައެއް ހުށަހަޅައިގެން ސާޖިދާ އަށް އެކި ތުހުމަތުތައް އަމާޒުކުރަމުންދިޔުމުން، މި މައްސަލަ ހައްލުކުރަން އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ މަގާމުގައި ހުންނަވައިގެން ސާޖިދާ ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދަވާއިރު، ދައުލަތުން ދެ މުސާރަ ނަންގަވާތީ ފާޑުކިޔުން އަމާޒުވުމުން، އެ ކަން އެ ގޮތަށް ނުކުރައްވައި، ހެލްތު މިނިސްޓްރީން ދޭ މުސާރަ ޑޮނޭޓު ކުރައްވާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ފަސްޓްލޭޑީ ކަމަށް ވަޑައިގަތުމަށް ފަހު ސާޖިދާ ވަނީ ސީއެސްސީގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވައިފައެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އެންގުމުން ސީއެސްސީން ވަނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރަން މި މަހުގެ ހަތް ވަނަ ދުވަހު އެއްބަސްވުމެއް ހަދައިފައެވެ.

ސީއެސްސީން ސާޖިދާއާއެކު ހެދި ކޮންޓްރެކްޓުގައިވާ ގޮތުން މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ލިބޭނެއެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށްވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ. އެއީ މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް ދޭ މުސާރައެކެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް ވެސް ވިދާޅުވީ، ތައުލީމު ހާސިލުކޮށްގެން ތިބި އިލްމީ މީހުން ސަރުކާރުގެ ތެރެއިން ގެއްލިގެން ދިޔުމަކީ މުޅި ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި، އެ ދާއިރާ އަށް އެހެން މީހަކު ނުކުންނަންދެން، ސާޖިދާ އެ ދާއިރާއަށް ހިދުމަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

Ads by Allied Insurance
  1. އެއްލާލާ

    ސާޖިދާ އިސްތިއުފާ އޭނާ ގޭގައި މަޑުކުރޭ ސާޖިދާ އިސްތިއުފާ އޭނާ ގޭގައި މަޑުކުރޭ ސާޖިދާ އިސްތިއުފާ އޭނާ ގޭގައި މަޑުކުރޭ ސާޖިދާ އިސްތިއުފާ އޭނާ ގޭގައި މަޑުކުރޭ ސާޖިދާ އިސްތިއުފާ އޭނާ ގޭގައި މަޑުކުރޭ ސާޖިދާ އިސްތިއުފާ އޭނާ ގޭގައި މަޑުކުރޭ ސާޖިދާ އިސްތިއުފާ އޭނާ ގޭގައި މަޑުކުރޭ