މަޖިލީހުގެ މި ދައުރު ޑިސެމްބަރު 28ގެ ނިޔަލަށް ދިގުދަންމާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ޑިސެމްބަރު 28ގެ ނިޔަލަށް ދިގުދަންމާލަން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކޮށްފައި ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 64 މެމްބަރުންގެ ވޯޓާއި އެކުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު އަނެއްކާ ވެސް ދަންމައިލަން ހުށަހެޅުއްވީ ރިޔާސަތުންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މިއަދަކީ މި ދައުރުގެ ފަހު ދުވަހުގެ ގޮތުގައި މީގެ ކުރިން ހަމަޖައްސާފައިވާކަން ހާމަކުރައްވާފައެވެ. މިއަދަކީ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ އެންމެ ފަހު ދުވަސްކަމަށް މީގެ ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ނަގަން ބޭނުންފުޅުވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީގެ ރިޕޯޓް ނިންމާ މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް މަސައްކަތް ކުރައްވާނެކަން އަސްލަމް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް މަޖިލީހުގެ މަސައްކަތްތައް ނުނިމޭތީ މަޖިލީހުގެ މި ހިނގާ ދައުރު ވަނީ ދިގުދަންމާލާފައެވެ.