މަޝްރޫއުތައް ކާމިޔާބުކުރަން ދިވެހި ކުންފުނިތަކުން ލީޑު ނަގަން ޖެހޭ: ރައީސް
ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބު ކުރުމުގައި ބޭރު ކުންފުނިތަކުން ޑޮމިނޭޓްކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
''މިހާރު މި ފެންނަ ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބު ކުރުމުގައި ބޭރު ކުންފުނުތަކުން ޑޮމިނޭޓްކުރަން ކުރާ ކުރުން ނިމުމަކަށް ގެނައުމުގައިވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ'' ރޭ މަސީގެ ބިލްޑާޒް އެވޯޑު ދިނުމަށް މާގިރި ހޮޓަލުގައި ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި ކުންފުނިތަކުން ޑޮމިނޭޓް ކުރާ ގޮތަށް ގަވާއިދުތަކާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ މަޝްވަރާކޮށްގެން ގެންނަން އެމަނިކުފާނު ހުންނެވި ތައްޔާރަށް ކަމަށެވެ. އެވޯޑު ކުރުމުގައި ނުވަތަ ޕޮއިންޓު ދިނުމުގައި ބަދަލެއް ގެންނަން ޖެހެނިއްޔާ އެކަމެއްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެ.
ދިވެހި މަސައްކަތްތެރިންނަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް މި ފަހިކަން އެބަ ޖެހޭ ދޭން.
ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއުކުރާ ވާހަކަ އަކީ ހުރިހާ މާނައެއްގައި މިނިވަންކަން ދިފާއުކުރުން ކަމަށާއި، ގައުމިއްޔާތު ދިރުވާ ކުރިއަރުވާ ވާހަކަ ދެއްކުމަކީ ފަންނުވެރިކަމާއި ސިނާއަތްތައް ވެސް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލަން ކަމަށެވެ. އެކަން ހާސިލުވާނީ ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެން ދިޔުމުން ކަމަށް ވިދާޅުވިއެވެ.
ބޭރު ކުންފުނިތަކުން މަސައްކަތްކުރެވިދާނެ ހާއްސަކޮށް އެކި ކަހަލަ ސްޕެޝަލައިޒް މަސައްކަތްތުގައި، ބޭރު ކުންފުނިތައް އުޅެން ޖެހޭނެ. އެކަމަކު ދިވެހި ކުންފުނިތަކަކީ އެކަމުގައި ނަގާކިޔާ، ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކަމަކު ލީޑުރޯލް އަދާކުރާ ފަރާތްތަކަށް ބަދަލުވާންޖެހޭ
ރައީސް ވިދާޅުވީ ސަގާފަތާއި ތާރިހު ހިމާޔަތްކުރުމަކީ ފަންނުވެރިކަމުގެ ދާއިރާ އަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމެއް ކަމަށެވެ. ރާއްޖޭގެ އާސާރީ ބިނާތަކުގެ ތެރެއިން ބައެއް ބިނާތަކަކީ "ރީސްޓްރަކްޗާ'' ކުރަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން އެކަމުގައި އިސްދައުރެއް އަދާކޮށްދެއްވުމަށް އެެދި ވަޑައިގެންފައެވެ.
އެޖަލްސާގައި ރައިސް ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާއަކީ އަންހެން ބޭފުޅުންގެ ބޮޑު އިންސައްތައެއް މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކަށް ވާނީ މަސީއާ އަދި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިޔަށް އޮތް އަހަރުތަކުގައި އެ ދާއިރާގައި ދިވެހި ކަނބަލުންނަށް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.