ޚަބަރު

އަމީނީ މަގުގެ މަސައްކަތް 50 ދުވަސް ތެރޭ ނިންމާލޭވެނެ: އާރްޑީސީ

އަލީ ސަމާޙް ، ދެން އޮންލައިން
އާރްޑީސީން އަމީނީ މަގުގެ މަސައްކަތް ކުރިއަށްދަނީ /ފޮޓޯ: އާރްޑީސީ

އަމީނީ މަގުގެ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމާލެވެނެ ކަމަށް މަގުހަދާ ކުންފުނި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ޒުހައިރު ވިދާޅުވީ އަމީނިމަގުގެ މަސައްކަތް މި މަހުގެ ނުވަޔަކުން ފެށިގެން ކުރަމުންދާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ދެ ސެގްމެންޓުގައި ތާރައެޅުމާއި ބައި ނިންމާލުމުގެ ކަންތައްތައް ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިން ރާވާފައި އޮތް ގޮތަށް ބާރު ސްޕީޑުގައި ޝެޑިއުލްއާ އެކު ކުރިއަށްދާކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

އަމީނީ މަގަކީ ކާރުބާރު ބޮޑު މަގެއްކަން ފާހަގަކުރައްވައި، އެ މަގުގެ ސަރަހައްދުތަކުގައި މަސައްކަތް ކުރިއަށް ދިޔުމަކީ އާއްމު ރައްޔިތުންނަށް އުދަނގޫވާނެ ކަމެއް ކަމަށާއި ނަމަވެސް އާރްޑީސީން އަމާޒު ހިފާފައިވަނީ ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތްކޮށްގެންވެސް ވީހާވެސް އަވަހަށް ނިންމާލަން ކަމަށެވެ.

ވީ އެންމެ އަވަހަށް ނިންމާލުން. ޓާގެޓަކީ 45 ނުވަތަ 50 ދުވަހުގެ ތެރޭގއި މަގުން އެއްޗެހި ދުއްވޭނެ ގޮތަކަށް މަގު ހުޅުވާލައިގެން މަސައްކަތް ކުރިއަށް ގެންދިޔުން. އެ ޓާގެޓަށް ރީޗްވާނެ ކަމަށް ޝައްކެއް ނުކުރަން.

ޒުހައިރު ވިދާޅުވީ ފާއިތުވި 20 ދުވަހުގެ ތެރޭގައި މަގުގެ 60 އިންސައްތަ ނިންމާލާފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ މަގުގެ އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމާއި އަދި އޭގެ އިތުރަށް ޕޭމެންޓުގެ މަސައްކަތް ކަމަށެވެ.

 ރާވާލާގައި އޮތް ގޮތަށް އަދި ކުރިއަށް އެބަދޭ އތުރު ގޮންޖެހުމެއް އަންނާނެ ކަމަށް ލަފައެއް ނުކުރެވޭ. ހަމައެކަނި ވިއްސާރަވެއްޖެއްޔާ އަންނާނެ ޑިލޭއެއް އިންނާނެ އެކަމަކު ކެޗްއަޕް ކުރެވޭނޭ

ޒުހައިރު ދެއްވި ޔަގީންކަމަކީ އާރްޑީސީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ތަޖުރިބާ ހުރި މުވައްޒަފުން ކަމަށެވެ. އެ މަގުން ގަސްތައް ކެނޑުމާއި ގުޅޭ ގޮތުން ޒުހައިރު ވިދާޅުވީ ކަނޑާ ގަހަކަށްވުރެ އިތުރު ގަސް އިންދަމުންދާ ކަމަށެވެ.

މުސްތަގުބަލުގައި އެތަނުގައި ހުންނަ ގަސްތަކަކީ ރީތި ހިޔާދޭ ގަސްތަކަކަށް ވެގެންދާނެ އަދި އޭގެ އިތުރަށް ވަކި ވައްތަރެއްގެ ގަސްތަކެއް އިންދިގެންދާއިރު މާ އަޅާ ދުވަސްވަރު ވަރަށް ރީތީ ހިތްފަސޭހަ މަގަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރަން.

ޒުހައިރު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނިމި ލޭންތައް ފުޅާވެގެން ދިޔުމަކީ ބަސް ރޫޓްތަކަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ޓްރެފިލަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!