ރައީސް ވިދާޅުވެދެއްވީ ދިވެހިން އެއްގޮތް ވާހަކަ، ތަކުރާރު ކުރެއްވީ އެއްބައިވަންތަކަން އިސްކުރަން
''ދެބަސްވުމެއްގެ ހިޔަނި ފެނިލާ ވަގުތު ވެސް، އަވަހަށް އޮމާންކަމާއެކު އެކަން ހައްލުކުރަން ބުއްދިވެރީން އިސްނެގުން. މި ގޮތަށް ބައެއްގެ ގުޅުންތަކާއި އުޅުންތައް އޮންނައިރު އެ ޖަމާއަތެއް ވާނީ އެއްބައިވަންތަ ޖަމާޢަތަކަށް. ދިވެހީންނަކީ މި ސިފަތައް ހުރިބައެއް'' 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ރަމްޒުކުރުމުގެ ގޮތުން މިއަދު ފާހަގަކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ސުނާމީގައި ރާއްޖޭގެ 82 މީހަކު ނިޔާވެ 26 މީހަކު ވަނީ ވީ ނުވީއެއް ނޭގި ގެއްލިފައެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެދެއްވީ އެ ދުވަހު ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމެވެ. ދިވެހިން ދެއްކި ނަމޫނާއެވެ. ތަކުރާރުކޮށް ވިދާޅުވީ ދިވެހިންނަކީ އެއްބައެއް ކަމެވެ.
''އެކަކު އަނެކަކާ ގުޅިގެން އުޅުން. އެކެއްގެ ހިތާމައިގައި އަނެކަކު ބައިވެރިވުން. އެކަކަށް ނުއުފުލޭ ބުރަ، ދެން ތިބި އެންމެން ވެގެން އުފުލައިދިނުން. އެންމެންގެ ސަލާމަތަށް ޓަކައި އެންމެން އެކުވެގެން މަސައްކަތްކުރުން'' އެމަނިކުފާނު، އެއްބައިވަންތަކަން ސިފަކުރައްވާ ގޮތް ވިދާޅުވެ ދެއްވިއެވެ. ރައީސް ވިދާޅުވީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. އެއީ، ތަފާތު އެކި ގޮތްގޮތުން ދިވެހީންނަށް ލިބިފައިވާ އެއްގޮތްވަންތަކަން ކަމަށް ވިދާޅުވިއެވެ.
ދިވެހީން ވާހަކަދައްކަނީ އެއް ބަހަކުން. ލިޔަނީ އެއް އަކުރަކުން. އެހެންވީމާ، ބަހުގެ މައްޗަށް ބޮޑާވެ ދެބަސްވެގަތުމެއް ދިވެހީންގެ ކިބަޔަކު އެއް އިރަކު ވެސް ނެތް. ދެން އޮތީ ނަސްލު. ތަފާތު އެކި ނަސްލުތައް އޮތުމަކީ ވެސް ބޮޑެތި ހަމަނުޖެހުން އުފެދޭ ކަމެއް. ދިވެހިރާއްޖެއަށް ބަލާއިރު ނަސްލީ ތަފާތުތަކެއް ވެސް ނެތް. ދޮނާ ކަޅުގެ ހަނގުރާމައެއް ރާއްޖެއަކު ދުވަހަކު ވެސް ނުހިނގާ. އެ ފަދަ ކަމެއް ހިނގާނެ އެއްވެސް ސަބަބެއް ވެސް، އެއްވެސް ޒަމާނަކު ރާއްޖެއަކު ނެތް.
ދިވެހިންނަކީއ އެއްބައެއްކަމުގެ ގިނަ ކަންތައްތަކެއް ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ އިންސާނާގެ އެންމެ ފުނުގައިވާ އެއް އިހުސާސަކީ ދީނުގެ އިހުސާސް ކަމަށެވެ. ހެއްދެވި ފަރާތާ ދެމެދު ގުޅުވައިދޭ ރޫހާނީ އިހްސާސެވެ. އެ ނަޒަރުން ބެލީމާ ވެސް، ދިވެހީން ފެންނާނީ އެއް ގޮތަކަށް ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް އިސްލާމްދީން އައިގޮތުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދީނީ ގޮތުން ވެސް، ދިވެހީންނަށް ލިބިފައިވަނީ އާދަޔާ ހިލާފު ބޮޑު އެއްގޮތްވަންތަކަމެއް ކަމަށެވެ.
''މި ހުރިހައި ކަމަކަށް ބައްލަވައި، އަރަބީންގެ ތާރީހު ލިޔުންތެރިޔަކު ވިދާޅުވެފައި އޮވޭ. ދިވެހިރާއްޖެ އަކީ މި ބިންމަތީގެ ސުވަރުގެޔޭ'' ރާއްޖޭގެ އެއްގޮތްވަންތަކަމުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދެކެން ބޭނުންފުޅު ވަނީ މާޒީން ދެކެފައިވާ އެކުވެރިކަމުގެ ދުވަސް ކަމަށެވެ.
ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ގައުމެއް. އެއް ބައެއް. އެހެންކަމުން، މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ. އެހެނީ، ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން. އެކުވެރިވުމުން އަމާންކަން ލިބިދޭ. އިތުބާރު ލިބިދޭ.
ވާހަކަ ދައްކަވައި ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ކުުލުނުވެރިކަމާއި އިހްސާންތެރިކަމާއި އިހްލާސްތެރިކަން ރައްޔިތުންގެ ކިބައިގައި ހަރުލާންޖެހޭ ކަމަށެވެ. ދިވެހީންގެ މާޒީ ދިވެހީންނަށް ދިނީ އެ ފިލާވަޅު ކަމަށާއި އެއްބައިވަންތަކަމުގެ ދުވަހު އަމަލީ ގޮތުން ދަސްކުރީ އަދި އުނގެނުނީ އެ ފިލާވަޅު ކަމަށެވެ.
ވަޒީރުންނަށް މަޖްލީހުގެ ރުހުން ނުދިނުން ވަރަށް ރަނގަޅު ކަމެކޭ ރުހުން ދޭން ފެންނަ އެކަކުވެސް ނެތޭ ތިތަނުގައި ރުހުންދޭނީ ދެން އަންނަ މަޖްލީހެއްގައޭ އެ މަޖްލީހުން ޕީއެންސީ އަށް ގިނަ ގޮނޑި ލިބިއްޖެނަމަ އެނޫންނަމަ ދީގެން ނުވާނެއޭ މުއިއްޒު އެވަނީ ރައީސް ޔާމީނަށް ޚިޔާނާތް ތެރިވެފައޭ ދެން އޭނާގެ ވަޒީރުންނަށް ރުހުން ދީފިނަމަ އެމެން ރައްޔިތުންނަށް ޚިޔާނާތް ތެރިވާން ފަސްވެސް ނުޖެހޭނެއޭ ނުދޭތި ރުހުން ރަސްމާލޭ ހިއްކަން ނަމުގައި ކުރަނީ ބޮޑު ވައްކަމޭ