ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ގަހެއް ނެގުމުގައި އެމްއެންޑީއެފުން އެހީތެރިވެއްޖެ

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ގަހެއް ނެގުމުގައި އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ސ.މަރަދޫ "ފަޒާ" ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިގެން، ގަސްކަނޑައި، އެ ސަރަހައްދު ސާފުކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އިއްޔެ ހެނދުނު 08:44 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއި ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތް ކުރާ ސިފައިންގެ ޓީމެއް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފައެވެ.
އެގޮތުން ވެއްޓުނު ބަނބުކެޔޮ ގަސް ކަނޑައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ޓީމުން ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ "ފަޒާ" ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، ގަސް ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.