އިދިކޮޅުން މަޖިލީހުގައި ކަންކަން ކުރަމުން އަންނަނީ ޤާނޫނާ ޚިލާފަށް: ރައީސް

އިދިކޮޅުން ރައްޔިތުންގެ މަޖިލީހުގައި ކަންކަން ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އަމަލާއި ބަސް މިހާރު ހުރި ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށާއި އެ ޕާޓީތަކުން މަޖިލިސް ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރެސީ އާއި ގާނޫނާ ވެސް ހިލާފަށް ކަމަށެވެ.
"މަޖިލިސް ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރަސީއާ ހިލާފަށް، ގާނޫނާ ވެސް ހިލާފަށް. އަދި އެހެނިހެން ކަންކަން ވެސް އެ ގެންދަނީ ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫން. އެހެން ގެންދާ ޕާޓީތަކެއްގެ ތެރެއިން، އެ ޕާޓީ ލައިނުން އަންނަ ކެންޑިޑޭޓަކަށް ތިބޭފުޅުންގެ ކަންކަން ނިންމުމުގެ ބާރު މިވަގުތު ދެއްވުމަކީ ބުއްދިވެރިކަމަކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ކެންޑިޑޭޓުންނަށް މިވަގުތު ކަންކަން ނިންމުމުގެ ބާރު ދީފިނަމަ ސަރުކާރުން ރައްޔިުންނަށްޓަކާ ކުރަން ބޭނުންވާ ކަންކަމަށް ހުރަސްއެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓު މޭޔަރު ކަމަށް އިންތިހާބުކޮށްފިނަމަ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް އެއްވެސް ހިފެހެއްޓުމެއް ނާންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމާ ވަރަށް ސާފު ނިންމުމެއް ނިންމަން މި ޖެހެނީ އަޅުގަނޑުމެންގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަމްވަރު ތިނެއް ހޮވައިފިއްޔާ އެ ހިފެހެއްޓުންތަކެއް ނާންނާނެ. ރައްޔިތުންނާ ހަމައަށް އަޅުގަނޑު ބޭނުންވާ ގޮތް ދާނެ. ރައްޔިތުން ބޭނުންވާ ގޮތް ސީދާ އަޅުގަނޑާ ހަމައަށް އަންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ވިލިމާލޭގައި ބޭއްވި އާޒިމާގެ ކެމްޕޭނު ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.







ކޮމެންޓް