Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ދީން

ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދިނުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ މަތިވެރި އެއް ވާޖިބެވެ.

ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދިނުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ މަތިވެރި އެއް ވާޖިބެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައި ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރުގެ މައްޗަށެވެ. ޚުތުބާގައި އެންމެ ފުރަތަމަ ވެސް ހަނދުމަ ކޮށްދެއްވައިފައި ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ ވަރަށް ނާޒުކު އަދި އެހާމެ ނުރައްކާތެރި ދައުރެއް ކަމެވެ. މާތް ނަބިއްޔާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފު ގޮތުގައެވެ. ފަހެ އޭނާ ޔަހޫދީއަކަށް، ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނަގެ މައިންބަފައިންނެވެ." މިޙަދީޘާ މެދު ވިސްނައިލުމުން އެނގެނީ ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ، ޒިންމާދާރު، ޞާލިޙު ދެމަފިރިއަކަށް މެނުވީ ނުއުފުލޭވަރުގެ މަސްއޫލިއްޔަތެއް ކަމެވެ. އެހެނީ އެފަދަ ދެމަފިރިއަކަށް މެނުވީ ތައުހީދުގެ ކަލިމަ ކަމުގައިވާ لا إله إلا الله ގެ މަތީގައި، ތަރުބިއްޔަތުގެ ބިންގާ އަޅާކަށް ފަސޭހައެއް ނުވާނެއެވެ. އަދި ކުޑައިރުއްސުރެ އެކުދިންގެ ކިބައިގައި ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމުގެ އާދަ އަށަގަންނުވާކަށް ފަސޭހައެއް ނުވާނެއެވެ. އަދި އެކުދިންގެ ހިތްތަކުގައި ﷲ ގެ ކުޅަދުންވަންތަކަމުގެ ޝުޢޫރު އާލާކުރާކަށް ވެސް ފަސޭހަ ނުވާނެކަމާއި އެކުދިން ރިވެތި އަޚްލާގުގެ ބަޔަކަށް ހެދުން ވާނީ އުނދަގޫ ކަމަކަށްކަން ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ. "މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވެވި ގިނަ ނިޢުމަތްތަކުގެ ތެރެއުން އެއް ނިޢުމަތަކީ ދަރިންނެވެ. މި ބޮޑު ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން، ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާ (ޞޢވ) އަންގަވާފައިވާ ގޮތުގެ މަތިން އެ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައި ދިނުމަށް ގަދަ އަޅައި މަސައްކަތް ކުރުމަކީ މައިންބަައިންގެ ބޮލުގައި އެޅިފައިވާ، އެންމެ މަތިވެރި އެއް ވާޖިބެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.
ދަރިން ތަރުބިއްޔަތު ކުރަން ފެށޭ ދަރުސްގަހަކީ، މައިންބަފައިންގެ އުނގެވެ.
ދަރިންގެ އުމުރުގެ ކުރީކޮޅު، މަންމައާއި ބައްޕަގެ ލޯތްބާއި އަޅައިލުން ނިހާޔަތަށް ބޭނުންވާނެ ކަމަށާއި އެކުދިންނަށް އަމާޒުވެގެން އަންނަ ޝައިޠާނީ ވަސްވާހާއި، އެސްފިނާ ފަދަ ކަންތައްތަކުން، އެކުދިން ސަލާމަތް ކުރުމަށްތަކައި، ކެނޑިނޭޅި ﷲއަށް ދުޢާ ދެންނެވުމަކީ ވަރަށް މުހިންމު ކަމެއް ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެއީ ދަރިންނަށް ޓަކައި މައިންބަފައިން ކުރާ ދުޢާއަކީ އެކުދިންގެ އިސްލާޙުގެ ތަޅުދަނޑިއެވެ.
ދަރިންނަށް ޓަކައި މައިންބަފައިން ކުރާ ދުޢާގެ މުހިންމުކަން އެންގެވުމުގެ ގޮތުން ބައެއް ނަބީބޭކަލުން ކުރެއްވި ދުޢާތަކުގެ ވާހަކަ، ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. އެގޮތުން ޒަކަރިއްޔާ އަލައިޙިއްސަލާމް ކުރެއްވި ދުޢާގެ ވާހަކަ އަންގަވައި، މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "އަޅުގެ ވެރި ރަސްކަލާކޯއެވެ! އިބަ ރަސްކަލާނގެ ޙަޟްރަތުން، ހެޔޮ ލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ!" މައިންބަފައިންގެ ހެޔޮ ދުޢާތަކުގެ ނަތީޖާއަކަށް ވަނީ، ﷲ ތަޢާލާގެ ޙަޟްރަތުން ދަރީންނަށް ރައްކާތެރިކަމާއި ތެދުމަގު ލިބުމަށް މަގުފަހި ވެގެން ދިޔުމެވެ. އަދި އެކުދިންނަށް އަމާންކަމާއި ބާއްޖަވެރި ކަމުގެ އިހުސާސްކުރެވި، އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަން މަތީގައި ބޮޑުވުމަށް މަގުފަހިވުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް