އާޒިމްގެ ބަހުގެ ހަމަލާތައް ރައީސަށް: އެމްޑީޕީން އޮތީ މާލޭ ރައްޔިތުންނަށް ބިންދީފައި
މޭޔަރު ކެމްޕޭނުގައި ޒިޔާރަތްކުރި ގެތަކުގެ ތެރެއިން 90 އިންސައްތަ ގެތަކަކީ ދިރިއުޅޭވޭވަރުގެ ތަންތަން ނޫން ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ގަލޮޅު ދެކުނު ކަންމަތީ ގައި ބޭއްވި ޖަލްސާއެއް ގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭގެ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމް ވިދާޅުވީ އޭނާ އަށްވުރެ ގިނައިން ރައްޔިތުންނާ ބައްދަލުކުރި، ގެތަކަށް ޒިޔާރަތް ކުރެވުނު އަދި ރައްޔިތުންގެ ވިންދުތައް އެނގިވަޑައިގަންވާނެ އިތުރު ކެންޑިޑޭޓެއް ނުހުންނާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ނިކަމެތި ހާލުގައި ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށްޓަކައި ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވާނީ މާލޭގެ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީފައި ކަމަށެވެ.
''ދެން މުއިއްޒުއަކަށް މާލޭގެ ރައްޔިތުންނަށް ބިންދޭކަށް ފުރުސަތެއް ނެތް، އެ ބޭފުޅާ އެ ވިދާޅުވަނީ ވެރިކަން ނިމޭއިރު ހުރިހާ އެންމެންނަށް ބިންދޭނަމޭ އަޅުގަނޑުމެންގެ ސަރުކާރުން ބިންދީ ނިންމައިފީމޭ' އާޒިމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ކޮށްފައި ހުރި ކަންތައް ކޮޕީ ކުރައްވަމުން ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ދޭން ނިންމާފައިވާ ބިންތައް މި ސަރުކާރުން ވަގުތުން ހަވާލުކުރަން އާޒިމް ގޮވާލެއްވިއެވެ.
''އަޅުގަނޑަކަށް 450 ގެއަށް ވަދެވުނު އިރުގައި، 90 ޕަސެންޓް ގޭގެއަކީ މީހުން އުޅެންކަމުދާ ތަންތަނެއް ނޫން. އެހާވެސް ހާލުގައި މީހުން އުޅެނީ'' އެމްޑީޕީ އަކީ ރައްޔިތުންގެ އިހުސާސުތަކާއި ވިންދުތައް އެނގިގެން ކަންތައްތައްކުރާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.
މާލެއިން ގޯތި ދޫކޮށްލާ ފަރާތްތަކަށް މި ސަރުކާރުން ފުށިދިއްގަރުފަޅުން ގޯތި ދޭން ނިންމާފައިވާތީވެ އެކަމަށް އާޒިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
... އެމީހުންނެއް (ގޯތިތައް ލިބުނު މީހުން) އަޅުގަނޑުމެން ނުގެންދާނަމޭ ދޯންޏަކަށް ލައިގެން ދޮޅުގަޑިއިރު ފުށިދިއްގަރު ފަޅަށް ކަނޑެއް ހުރަސްކޮށްފައި ނުގެންދާނަމޭ، އަޅުގަނޑުމެން އެ މީހުން ގެންދާނީ ބްރިޖު ހުރަސްކޮށްފައި އެމީހުންނަށްދާން ހައްގުވާ އަވަށްތަކަށް.
އާޒިމް ވިދާޅުވީ އެކަން ދިފާއުކުރުމަށް މުޅި އެމްޑީޕީން ނިކުންނާނެ ކަމަށާއި މޭޔަރު ކަމަށް އޭނާ ހޮއްވައިދީފިނަމަ ފުށި ދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ބަދަލުކުރަން ހުރަސްއަޅާނެ ކަމަށެވެ. ގަލޮޅުގެ ދެކުނަށް ކޮށްދެއްވާނެ ކަންތައްތަކުގެ ލިސްޓެއް ހާމަކުރައްވަމުން އާޒިމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އެ އަވަށު ޕާކު ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ. އެ އަވަށުގައި ފުޓްބޯޅާ ކުޅޭވެނެ ސަރަަހައްދެއް ކަނޑައަޅައިދޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވީ އޭނާ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މާލޭގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށެވެ. ތަޖުރިބާ ލިބިވަޑައިގެންނެތްނަމަ މާލޭގެ މޭޔަރު ކަމަށް ވާދަނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.