އަލީ ސުޕާރި: ހެއްވާ މަޖާ ސަކަރާތުން ފުރިގެންވާ ކުޅަދާނަ ކޮމީޑިއަންއެއް
ހުޝާމް އަކީ ކާކުހޭ ބުނުމުން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް އަލީ ސުޕާރީ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މި ރާއްޖޭގައި ވަރަަށް މަދުވާނެއެވެ. އަލީ ސުޕާރީ އަކީ މިއަދު ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މީހެކެވެ. އެހެން މީހުން ހެއްވާލުމުގެ ހުނަރުވެރިކަން ލިބިފައިވާކުޅަދާނަ ކޮމީޑިއަން އެކެވެ.
ސުކޫލު ދައުރުގައިވެސް ކޮމެޑީއަށް ޝައުގުވެރިކަން ހުރޭ
ކޮމެޑީ އަށް އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނު ގޮތާއި ގުޅޭ ގޮތުން އަލީ ސުޕާރީ ބުނީ އޭނާ އަކީ ސުކޫލު ދައުރުންސުރެ ވެސް ކޮމެޑީ އަށް ލޯބި ކުރާ މީހެއް ކަމަށެވެ. އެގޮތުން އޭނާގެ އުފަން ރަށްކަމުގައި ވާ ދިއްގަރުގައި އުޅުނުއިރުގައިވެސް ރަށުގައި އޮންނަ އީދު ޝޯތަކުގައި ވެސް ޝޯ ހުށައަޅަނީ އޭނާ ކަމުގައި އަލީ ސުޕާރީ ބުންޏެވެ.
ސުކޫލުގައި އުޅުނު ދުވަސްވަރު ސުކޫލުގެ ޑުރާމާ މުބާރާތްތަކުގައި ބައިވެރިވާ ކަމަށާއި، އަދި އީދު ޝޯ ތަކުގައިވެސް ޑުރާމާ ކުޅެ އުޅޭ ކަމުގައި އޭނާ ބުންޏެވެ.
މިހާރުވެސް އަލީ ސުޕާރީ ބޭނުންކުރާ އަޑާއި ރާގުން ޝޯ ތައް ހުށައަޅައި އަދި ދޭތެރެ އަކުން ޚަބަރެއް ކިޔާލުމުން އެންމެން ވެސް ތިބެނީ ހީ ހީ އަވަދި ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ކޮޕީކުރަނީ އަލީސުލައިމާނުތަ؟
“ވަރަށް ގިނަ މީހުން ބުނޭ ދޯ، މީ ވަކި މީހަކާ ޖައްސާލާ ދިމާ ކުރުމަށް ގެންގުޅޭ ކެރެކްޓާއެކޭ އަލީ ސުޕާރިއަކީ” ކޮމެޑީގެ ދާއިރާގައި ވަކިމީހަކު ކޮޕީ ކުރަންތޯ ސުވާލު ކުރުމުން އަލީ ސުޕާރީ ޖަވާބު ދޭން ފެއްޓީ މިހެންނެވެ.
ގިނަ ބަޔަކަށް އަލީ ސުޕާރީ އެނގިފައިވާނީ ހަމަ ގައިމުވެސް މަޖާ ގޮތަކަށް ޚަބަރު ކިޔާ މީހެއްގެ ގޮތުގައެވެ. އަލީ ސުޕާރީގެ އެ ކެރެކްޓާ އަކީ. ކުރީގެ ވީޓީވީގެ ނޫސްވެރިޔާ އަލީ ސުލައިމާނު ކޮޕީކޮށް އޭނާ އާއި ހަނގާ ކުރުމަށް ގެންގުޅޭ ކެރެކްޓާއެއްގެ ގޮތުގައި ގިނަބަޔަކު ތުހުމަތު ކުރެއެވެ. ދެން އާއި ވާހަކަ ދައްކަމުން އަލީ ސުޕާރީ ބުނީ އަލީ ސުލައިމާނަކީ އޭނާގެ ރައްޓެއްސެއް ކަމަށެވެ. އަދި އަލީ ސުޕާރީގެ މި ކެރެކްޓާއަކީ އަލީ ސުލައިމާނާއި އޭނާ އަށް ފެނުމުގެ މާ ކުރިންވެސް އޭނާ ގެންގުޅޭ ކެރެކްޓާއެއް ކަމަށް އޭނާ ބުންޏެވެ.
އަލީ ސުޕާރީގެ މި ކެރެކްޓާއަކީ އެއްވެސް މީހަކަށް ދިމާކޮށް އެއްވެސް މީހަކު ކޮޕީ ކުރުމަށް ބޭނުން ކުރާ ކެރެކްޓާއެއް ނޫން ކަމަށް ވެސް އަލީ ސުޕާރީ ފާހަގަ ކުރިއެވެ.
އާންމުންނަށް އެނގެން ފެށީ އަހިވަކު ޓީވީން
އާންމުންނަށް އަލީ ސުޕާރީ އެންމެ ފުރަތަމަ އެނގެން ފެށީ 2014 ވަނަ އަހަރުއެވެ. އެގޮތުން އަލީ ސުޕާރީގެ ވީޑިއޯތައް އެންމެ ފުރަތަމަ އާންމުންނާއި ހަމައަށް ގެނެސް ދިނީ ފޭސްބުކް ޕޭޖު އަހިވަކު ޓީވީންނެވެ.
އަހިވަކު ޓީވީ އުފެދިގެން އައި ގޮތް ދެން އާއި ހިއްސާކުރަމުން އަލީ ސުޕާރީ ބުނީ އަހިވަކު ޓީވީ އަކީ އޭނާ ކުރިން އުޅުނު ބޮޑުބެރު ގުރޫޕެއް ކަމަށް ވާ ހަބޭސް ގެތެރެއިން އުފެދިގެން އައި އެއްޗެއް ކަމަށެވެ.
“އޭރު ދެން ހަބޭސްގައި އުޅުނު އިރު އެންމެ އެއްކޮށް އުޅުނު މަށާއި، އައްޒަޑޭ އާއި އައްދަބޭއާ. އަހަރެމެން ދެން އެއްރޭ މިހެން މަޖާ ސަކަރާތް ޖަހަން ވެގެން އެރޭހޭލާ ތިބިރޭ ފާޑެއްގެ ލަވަތަކެއް އެންމެ ފުރަތަމަ ލައިވް ކޮށް ކުޅުނީ. ކުޅެފަ ދެން ރިކޯޑުކުރީ. ދެން ހިތަށް އެރީ ޕޭޖެއް ހަދާފަ ވެއްޖޭ އަޅާލަން. ފުރަތަމަ ލީ އެ ތިން ލަވަ.” އަހިވަކު ޓީވީ އުފެދިގެން އައި ގޮތް ދެން އާއި ހިއްސާ ކުރަމުން އަލީ ސުޕާރި ބުންޏެވެ.
އެ ތިން ލަވަ ފުރަތަމަ ލުމުން މާބޮޑު ތަރުހީބެއް އާންމުން ފަރާތުން ނުލިބުނު ކަމުގައި އަލީ ސުޕާރީ ފާހަގަ ކުރިއެވެ. ހަބޭސް ގައި އޭރު އުޅުނުއިރު ވެސް އޭނާ ބައެއް ފަހަރަށް ޝޯ ތަކުގައި ޚަބަރާއި އިއުލާން ފަދަ އެއްޗިހި ކިޔާ އުޅުނު ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އެގޮތުން އެއްދުވަހަކު ހުސް ވަގުތެއްގައި އެންމެ ފުރަތަމަ އަހިވަކު ޓީވީ އަށް ލީ ވީޑިއޯ ޝޫޓު ކުރިކަމުގައި އޭނާ ބުންޏެވެ.
އަހިވަކު ޓީވީއަށް އެންމެ ފުރަތަމަ ލީ ވީޑިއޯ އަކީ ޚަބަރުތައް ކުރުކޮތަކަށް ގެނެސް ދިނުމަށްފަހު ލީ ވީޑިއޯ އެކެވެ. އެ ވީޑިއޯ އަށް ފަހު “އަލީ ސުޕާރީ” ނަމުގައި އާންމުންގެ ތެރޭގައި އޭނާ މަޝްހޫރު ވާން ފެށިއެވެ.
މީގެ ކުރިން ފިލްމީ ދާއިރާއިން ފުރުސަތު ލިބުނު
ކޮމެޑީގެ ދާއިރާއިން ކުރިއަށް ދާން ފުރުސަތު ލިބުނުތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އަލީ ސްޕާރީ ބުނީ ވަރަށް ގިނަ ފުރުސަތު ތަކެއް އެކި ގޮތްގޮތުން ލިބުނު ކަމަށާއި، ފިލްމީ ދާއިރާއިން ވެސް ފުރުސަތު ލިބުނު ކަމަށެވެ. އެހެން ނަމަވެސް އޭރު އޭނާ އުޅުނު ވަޒީފާގެ ގޮތުން އެދާއިރާއިން ކުރިއަށް ނުދެވުނީ ކަމުގައި އަލީ ސުޕާރީ ބުންޏެވެ.
ފިލްމީ ދާއިރާއިން މިހާރު ފުރުސަތު ލިބިއްޖެނަމަ މިހުރީ ދާގޮތަށް
ފިލްމީ ދާއިރާއިން މިހާރު ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އަލީ ސުޕާރީ ބުނީ މިހާރު ފުރުސަތު ލިބިއްޖެނަމަ އޭނާ ހުރީ ދާގޮތަށް ކަމަށެވެ. ކުރިން އުޅުނު ވަޒީފާގެ ގޮތުން ވަގުތު ނުލިބުނު ކަމުގައި ވީ ނަމަވެސް މިހާރު ސަރުކާރު ވަޒީފާއެއްގައި އުޅޭތީ ހުސްވަގުތު ވެސް ލިބޭ ކަމަށް އޭނާ ބުންޏެވެ.
އާއިލާއިން ވަރަށް “ސަޕޯޓިވް”، ރުޅި އައީ ކޮތަޅު ލައްވައިގެން ވީޑިއޯ ކުޅުނީމަ
އަލީ ސުޕާރި ބުނީ މިދާއިރާއިން ކުރިއަށް ދިއުމުގައި އާއިލާއިން ވަރަށް އެއްބާރުލުން ދޭ ކަމަށެވެ. އެގޮތުން އަންހެނުންނާއި ދެދަރިންގެ އެއްބާރުލުން އޭނާ ފާހަގަ ކުރިއެވެ. ދެން އާއި ވާހަކަ ދައްކަމުން އަލީ ސުޕާރި ބުނީ އާއިލާ ހިތްހަމަ ނުޖެހުނީ ކޮތަޅު ލައްވައިގެން ވީޑިއޯ ކުޅުމުންނެވެ.
އަލީ ސުޕާރީ ކޮތަޅަކުން ހެދުމެއްް ހަދައި އެ ލައިގެން ކުޅުނު ވީޑިއޯއަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބުނު ވީޑިއޯއެކެވެ. މި ވީޑިއޯގައި އޭނާ ގެނެސްދިނީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތެވެ.
މި ވީޑިއޯ ބެލި މީހަކު ހީހީ ހަލާކު ވާނެކަން ޔަގީނެވެ. ނަމަވެސް އެ ވީޑިއޯ ކުޅުމުން އޭނާ ބައްޕައެއްގެ ގޮތުގައި ދެކޭ އޭނާ ބަލާ ބޮޑުކުރި ބޮޑުބޭބެ ހިތްހަމަ ނުޖެހުނުކަމަށް އަލީ ސުޕާރީ ބުންޏެވެ. އަދި އެކަމުގެ ސަބަބުން ވީޑިއޯ އެއް ނުކުޅެ ތިން މަސް ދުވަސް ވަންދެން ހުރި ކަމަށް އޭނާ ބުންޏެވެ.
ކޮމެޑީއަށް ހާއްސަ ޕްލެޓްފޯމެއް އޮންނަ ދުވަހެއް ދެކެން ބޭނުން
އަލީ ސުޕާރީ އެންމެ ދެެކެން ބޭނުންވާ ދުވަހަކީ ކޮބައިތޯ ސުވާލު ކޮށްލީމެވެ. އޭނާ ބުނީ ޗެނަލް ތަކުން އަދި އެހެން ފަރާތަކުން ނަމަވެސް ކޮމެޑީއަށް ހާއްސަކޮށް ކަންތައްތަކެއް ކުރާނެ ދުވަހެއް ފެނުމަކީ ވަރަށް އުފާވާނެ ކަމެއް ކަމަށާއި ރާއްޖޭގައި ކޮމެޑީގެ ދާއިރާގައި އެދުވަސް އައުމަކީ ވަރަށް އުފާވާނެ ކަމެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ހައެއްކަ ކެރެކްޓަރ ގެންގުޅޭ!
އަލީ ސުޕާރީ ހަމައެކަނި ފެނިގެން ދަނީ އަލީ ސުޕާރީގެ ގޮތުގައެއް ނޫނެވެ. މީހުން ހެއްވާލުމަަށް އަލީ ސުޕާރީ އެހެން ކެރެކްޓަރތައް ވެސް ބޭނުން ކުރެއެވެ. އަބަދުވެސް އަލީ ސުޕާރީ އާއި ދިމާވެއްޖެނަމަ އަހާލާ ހިތުން ހުންނަ އެއް ސުވާލަކީ ކިތައް ކެރެކްޓަރ ގެންގުޅެންތޯއެވެ. މި ސުވާލު އަލީ ސުޕާރީ އާއި ކޮށްލީމެވެ.
އަލީ ސުޕާރީ ބުނީ ހައެއްކަ ކެރެކްޓަރ ގެންގުޅޭ ކަމަށާއި އޭގެ ތެރޭގައި ކާފަ، އަލީ ސުޕާރީ، ގާޑިއޯލާ، ތުއްތުނާ އަދި ސުންދުސް ބާއި ގެ ކެރެކްޓަރ ފާހަގަކޮށްލެވެއެވެ.
ޝުކުރުގެ ލިސްޓު ވަރަށް ދިގު
އަލީ ސުޕާރީ ބުނީ އެންމެ ފުރަތަމަ އަލީ ސުޕާރީ، އަލީ ސުޕާރީ އަކަށް ވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އަައްޒަޑޭ އާއި އައްދަބޭގެ ސަބަބުން ކަމުގައެވެ. އެހެން ކަމުން އަބަދުވެސް އެދެމީހުންނަށް ޝުކުރުވެރިވާނެ ކަމުގައި އަލީ ސުޕާރީ ފާހަގަ ކުރިއެވެ.
އެއަށްފަހު އަލީ ސުޕާރީ ފާހަގަ ކުރީ އޭނާ ފެނިގެން ދާނީ މިހާރު އަހަމާ ބަހަމާ ޕްރޮގްރާމުން ކަމަށެވެ. އެގޮތުން އޭނާއާއި އެކު އެ ޕްރޮގްރާމްގައި އުޅެނީ ސައިފް އާއި ޝިފާޒް ކަމުގައި އޭނާ ބުންޏެވެ އެ ދެމީހުންގެ ފަރާތުން ވަރަށް ސަޕޯޓު ލިބޭ ކަމުގައި އަލީ ސުޕާރީ ފާހަގަ ކުރިއެވެ.
ފޭނުންނަށް އުފާވެރި ޚަބަރެއް
ފޭނުންނަށް ބުނެލަން ބޭނުންވަނީ ކީކޭތޯ އަހާލުމުން އަލީ ސުޕާރީ ބުނީ، އަހިވަކު ޓީވީން މިހާ ދުވަސް ވަންދެން އެއްޗެއް ނުފެނުނު ކަމުގައި ވިޔަސް މިހާރު ވެސް އަހަމާ ބަހަމާ ޕޭޖުން އޭނާގެ ވީޑިއޯތައް ފެނިގެން ދާނެ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އަހަމާ ބަހަމާ މެދުވެރިކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ވެސް ނިންމާފައިވާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.އެހެން ކަމުން އަހަމާބަހަމާގެ ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށް އޭނާ އެދުނެވެ.
ސީރީޒްތަކެއްގެ ގޮތުގައިވެސް ވަރަށް އަވަހަށް ފޭނުންނަށް އަލީ ސުޕާރީގެ ޕްރޮގްރާމް ތަކެއް ފެނިގެންދާނެ ކަމަށާއި އެއީ ސަޕްރައިޒް އެއް ކަމުގައި އަލީ ސުޕާރީ ބުންޏެވެ. އިންތިޒާރު ކޮށްލެއްވުމަށް އޭނާ ވަނީ އެދިފައެވެ.
އަލީ ސުޕާރީ އަކީ ކޮރޯނާ ވައިރަސްގެ ސަބަބުން އެންމެން ހަސްވެފައި ތިއްބާ ވެސް އަހަމާ ބަހަމާ މެދުވެރިކޮށް ގިނަ ބަޔަކު ހެއްވާލި ކުޅަދާނަ ކޮމީޑިއަން އެކެވެ. އެހެން މީހެެއްގެ ކެރެކްޓަރ ކޮޕީ ކުރުމެއް ނުގެންގުޅޭ ހުނަރުވެރި އުފެންދުންތެރި މީހެކެވެ.
އަލީ ސުޕާރީގެ ވީޑިއޯ އެއް ބަލައިފި މީހަކު ހީހީ އަވަދި ވާނެއެވެ . ރާއްޖޭގެ ކޮމީޑިއަނުން ތެރެއިން އަލީ ސުޕާރީގެ ފޭވަރިޓަކީ ތަޖޫބެ އެވެ. ނަމޫނާއެއްގެ ގޮތުގައިވެސް ދެކެނީ އޭނާއެވެ.
އަލީ ސުޕާރީ ފާހަގަކުރިހެން އަބަދާއި އަބަދު ސިޔާސީ ވާހަކަ ޓީވީ ޗެނަލްތަަކުން ވެސް ދެއްކުމުގެ ބަދަލުގައި އަލީ ސުޕާރީމެން ފަދަ މީހުންނަށް އެހެން މީހުން މުނިފޫހި ފިލުވައިދިނުމަށް ފުރުސަތު ތަކެއް ދޭން އެބަޖެހެއެވެ.