އިންޑިއާއިން ބޭހަށް ބަރޯސާވުން ހުއްޓާލާ, ސީދާ ޔޫރަޕުން ރާއްޖެއަށް ބޭސް ގެންނަނީ

ބޭހަށް އަވައްޓެރި އިންޑިއާއަށް ބަރޯސާވުން ހުއްޓާލާ, ސީދާ ޔޫރަޕުންނާއި އެމެރިކާއިން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ, ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
"އާދައިގެ ބޭސް ގެނައުން ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެކަމަށް ބޭނުންވާ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
"އިރާދަކުރިއްޔާ ދެން އަަޅުގަނޑުމެން ގައުމަށް މާ ލަސްތަކެއް ނުވެ ބޭސް އެތެރެކުރާނީ ޔޫރަޕްގެ އެކިއެކި އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން. އެހެންވީމަ ވަކި ގައުމަކުން ބޭސް ގެނައުން ވެސް ނިމުމަކަށް އަންނާނެ،"
ރާއްޖެއަށް އާއްމުކޮށް ބޭސް ގެންނަނީ އަވައްޓެެރި އިންޑިއާއިންނާއި ޕާކިސްތާނުންނެެވެ. އެ ޤައުމުތަކުގެ ބޭސްތަކުގެ ކޮލިޓީ ދަށްކަމުގެ ޝަކުވާ އަބަދު ވެސް ޑޮކްޓަރުންނާއި އާއްމުން ކުރެއެވެ.
ރައީސް ވިދާޅުވީ, އެއްވެސް ކަމެއްގައި ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުކަކަށް ގެނެސް." ރައީސް މުއިއްޒު ވިދާޅުވިއެވެ.







ކޮމެންޓް