ފުވައްމުލަކު ކަރަންޓު މައްސަލަ ޙައްލުކުރުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންނަނީ
ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރެއްވުމަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ފެނައކައިން މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކުގައި ހުރި ޖަނަރޭޓަރ ސެޓް ހަލާކުވެ އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.
ފެނަކައިން ބުނީ ފުވައްމުލައް ސިޓީއަށް ކަރަންޓް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އިންޖީނެއް ހަލާކުވުމުގެ ސަބަބުން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ މިވަގުތަށް ދަށްވެފައިވާކަމަށެވެ. އެހެންކަމުން އެކި ސަރަހައްދުތަކަށް ޝެޑިއުލްކޮށް ކަރަންޓް ކަނޑަށް ޖެހިފައިވާކަމަށެވެ.
ކުންފުނިން މިވަގުތު މަސައްކަތް ކުރަމުންދަނީ މިކަމަށް އެންމެ އެދެވޭ ޙައްލެއް ގެނައުމަށްކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެގޮތުން އެމަޖެންސީ ޕްރޮކުއަމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އަދި އެ ކުންފުނިން ޚިދުމަތްދޭ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ފުވައްމުލައް ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކުރިއަށްއޮތް ރަމަޟާންމަހާއި ހޫނު މޫސުމަށް ރަށްރަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރތައް ހޯދުމަށް ރޭވިފައިވާ ރަށްރަށުގެ ތެރޭގައި ފުވައްލުއް ސިޓީއަށް 1200 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް ހޯދުމަށް ހިމަނާފައިވާކަމަށް ފެނަކައިންއިން ވަނީ ބުނެފައެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރ ސެޓްތަކުގެ މެއިންޓަނެންސްއަށް އަހައްމިއްޔަތު ކަމެއް ދެވިފައި ނުވުމުގެ ސަބަބުން ވަރަށް ގިނަ ޖަނަރޭޓަރ ސެޓުތަކުގެ ހާލަތު ދަށްވެފައިވާކަމަށް ފެނައިންއިން ވަނީ ބުނެފައެވެ. ފެނަކައިން ހަލާކުވި ޖަނަރޭޓަރ ސެޓް ހިންގާތާ 30،000 ގަޑިއިރު ހަމަވިއިރު އެއްވެސް މޭޖަރ އޯވަހޯލް އެއް ކޮށްފައި ނުވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ނަމަވެސް އައު މެނޭޖްމަންޓްގެ ވިސްނުމަކީ މިފަދަ ކަންކަމަށް ހައްލު ހޯދާ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.