ޚަބަރު

ރައީސް ގެ ޗައިނާ ދަތުރުފުޅަށް ހޭދަވީ 2.4 މިލިޔަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ހަރަދުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޖެނުއަރީ 7 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއަށް ރައީސް ކުރެއްވި ދަތުރުގެ ހަރަދު ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ދަތުރުގެ ވަފުދުގައި ހިމެނުނު ބޭފުޅުންގެ ތިއްބެވުމާއި ފަރިއްކޮޅުގެ ހަރަދު ހަމަޖައްސާފައިވަނީ ޗައިނާ ސަރުކާރުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ދަތުރުގެ ދެކޮޅު ޓިކެޓަށް ޖުމުލަ 2،020،482.60 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ޕޮކެޓް މަނީގެ ގޮތުގައި 300،495 ރުފިޔާ ހަރަދުކޮށްފައިވާއިރު، ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިވެންޓް ހަރަދުގެ ގޮތުގައި 3،374.79 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އަދި ސިމްކާޑާއި ވީޕީއެން ހަރަދަށް 14،341.69 ރުފިޔާ ހަރަދު ކޮށްފައިވާއިރު އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،419.85 ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

ރައިސްގެ ޗައިނާ ދަތުރުފުޅަށް ޖުމުލަ ހަރަދު ކޮށްފައިވަނީ 2،428،113.93 ރުފިޔާއެވެ.

ޗައިނާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އަދި ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި މި ދަތުރުފުޅުގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.

‎މިދަތުރުފުޅުގައި ރައީސް މުއިއްޒު ޗައިނާ ސަރުކާރުގެ އިސްބޭފުންނާއި ބައްދަލުކުރައްވައި ޗައިނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައި މުހިންމު މަޝްވަރާތައް ބާއްވަވާފައިވެއެވެ. އޭގެތެރޭގައި ޗައިނާގައި ބޭއްވުނު އިންވެސްޓް މޯލްޑިވްސް ފޯރަމާއި އެކިދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ޗައިނާގެ އެކި ފަރާތްތަކާއެކު ބޭއްވެވި މަޝްވަރާތައް ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!