ޚަބަރު

ގާސިމްގެ އިންޒާރު: ވަޒީރުންނަށް ރުހުން ނުދީ, މަޖިލީހަށް ކުރިމަތިނުލާތި!

އައިކާ ޔުނާން ، ދެން އޮންލައިން

ރައްޔިތުންގެ ބޮޑު މެޖޯރިޓިއަކުން ހޮވާފައިވާ ސަރުކާރެއްގެ ވަޒީރުންނަށް ރުހުން ނުދީ, ރައްޔިތުންގެ މަޖިލީހަށް އަލުން ކުރިމަތިލުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިދިކޮޅު މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއްގައި މިއަދު ކުރިއަށްދާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ, ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ ސުޕަމެޖޯރިޓީ އޮވެމެ, ވެރިންނަށް ރައްޔިތުންގެ އިތުބާރު ގެއްލުމުން ކަމަށެވެ.

އެމްޑީޕީއާ އިއްތިހާދު ވެގެން މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ, އެމްޑީޕީގެ އެތެރެ ހަލާކުކޮށްލުމަށް ފަހު މިއަދު ގައުމު ހަލާކުކުރަން އުޅޭނެ ކަމެއް ނެތް ކަމަށެވެ. ޑިމޮކްރެޓްސްގެ އަމަލުތައް ގާސިމް ސިފަ ކުރެއްވީ "އަމިއްލަ ގަޔަށް ވަޅި ޖަހަން" އުޅޭ ބައެއްގެ ގޮތުގަ އެވެ.

"އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނޭ، އެތައް ބޮޑު ޕަސަންޓަކުން ތިބޭފުޅުންނަށް ސުޕަމެޖޯރިޓީ އޮއްވައި އެކަން ހަލާކުކޮށްލާފައި ތިބޭފުޅުންނަށް ދެންވެސް އިތުރަށް ހަލާކުކޮށްލަން އުޅުއްވާނެ ކަމެއް ނެތޭ ޑިމޮކްރެޓުންނޭ ކިޔައިގެން ބަޔަކު އުފައްދައިގެން މިތަނަށް ނުކުމެގެން," ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ, ހުރިހާ ވަޒީރުންނަށް ރުހުން ދޭން ޖެހޭ ކަމަށާއި ވަފާތެރި ގޮތަކީ މައްސަލައެއް ހުރިނަމަ ނުވަތަ ގޯހެއް ހަދައިފިނަމަ އެކަމާމެދު ފަހުން ފިޔަވަޅު އެޅުން ކަމަށެވެ.

"މިއަދު މި ރައްޔިތުންގެ މަޖިލީހުން އެބަ ޖެހެޔޭ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވަން. އެހެން ނުދީފި ހާލަތެއްގައި އޭގެ މާނައަކި ރައްޔިތުން ނިންމި ނިންމުން ބަލައިނުގަނެ، ކޮޅުފައިން ޖަހާފައި މާދަމާ ނިކުމެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައިގެން ދާނެ ކަމެއް ނެތް ޕާޓީތަކަކުން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ, ރައްޔިތުން ހޮވާފައިވާ ވެރިއެއްގެ ވަޒީރުންނަށް ރުހުން ދިނުމަކީ ވާޖިބެއް ކަމަށާއި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި, ގައުމު އިނދަޖައްސާލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!