ޚަބަރު

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު މާދަމާއިން ފެށިގެން ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. ފޯމު ހުށައެޅުމަށް 2 ހަފްތާގެ މުއްދަތެއް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

Ads by Sosun Fihaara

އިންތިޚާބުތަކާ ބެހޭ މައި އިދާރާ އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ ޖެނުއަރީ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން، ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. ފޯމު ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00އިން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް:

* ދިވެހިރައްޔިތަކަށްވުން
* ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން
* މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
* އުމުރުން 18 އަހަރުވެފައިވާ މީހަކު ކަމުގައިވުން
* ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން

މަޖިލީހުގެ މެމްބަރުކަމަށް އެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރު ހުށައަޅަންޖެހޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އިންތިޚާބުގެ ބޭނުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އަލަށް ހުޅުވި އެކައުންޓްގެ ނަމާއި އެކައުންޓް ނަންބަރުގެ ތަފްސީލް ހުށައަޅަންޖެހޭނެއެވެ.

އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމަށް ސޮއި ހުށައަޅަންޖެހޭނެއެވެ.

މަޖިލީހަށް ކުރިމަތިލާ މީހުން އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި މީހަކު ހަމަޖައްސާ އެކަމުގެ އިޤުރާރު ހުށައަޅަންޖެހޭނެއެވެ. މީގެއިތުރުން ޑިސެމްބަރު 14ގެ ފަހުން އުފައްދާފައިވާ ކުށުގެ ރެކޯޑް އަދި ދަރަނީގެ ރެކޯޑް އިލެކްޝަން ކޮމިޝަނަށް ހުށައަޅަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން، 5000 ރުފިޔާގެ އިދާރީ ފީއެއްވެސް ދައްކަންޖެހެއެވެ.

އިންތިޚާބަށް ކުރިމަތިލާ މީހާ ނޫން މީހަކު ފޯމު ހުށައަޅަން އަންނަނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!