ޝަމީމަށް ދިން ހަމަލާގެ މައުލޫމާތު ރައީސް ޞާލިޙަށް އިނގޭނަމަ ހިއްސާކޮށްދެއްވާ: އިހްސާން
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާގެ މަޢުލޫމާތު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަށް އިނގޭނަމަ ހިއްސާކޮށްދެއްވުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ ޢަލީ ޢިހުސާން ގޮވައިލައްވައިފިއެވެ.
އިހްސަން މިފަދައިން ގޮވައިލެއްވީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ސިޔާސީ މަގްސަދުގައި ހިންގާ ހަމަނުޖެހުންތަކުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ އެ ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއް ކަމަށް ރައީސް ޞާލިޙް އިއުލާނު ކުރެއްވުމުން ދޭހަވަނީ މި ހަމަލާގެ މަގްސަދާއި މީހުންނާ ބެހޭ އިތުބާރު ހުރި މައުލޫމާތެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ.
“އެހެންވީމާ، އަޅުގަނޑު ރައީސް ޞާލިޙްގެ އަރިހުން އެދެން، އިތުބާރުހުރި މަޢުލޫމާތެއް އިނގޭނަމަ މިހާރުން މިހާރަށް ފުލުހުންނާ ޙިއްޞާކޮށްދެއްވުމަށް. މިކަމުގައި ކުރީގެ ރައީސުންގެ އޮފީހާއި އިދިކޮޅަށް ވެސް ކޯޑިނޭޓް ކުރުމަށް އަޅުގަނޑު އިންވެސްޓިގޭޓަރުންނަށް ދެންނެވިން” އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ ކަމަށާއި އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އިހްސާން ވިދާޅިވިއެވެ.
ނޫރު މިސްކިތް ކައިރިން ޝަމީމަށް ހަމަލާދިނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. މި ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށީގެ ތިރިއަށް ވަނީ އަނިޔާ ވެފައެވެ. ޕީޖީ އޮފީހުން ވިދާޅުވީ ލިބުނު އަނިޔާއަށް ޝަމީމް އޭޑީކޭގައި ފަރުވާ ހޯދަމުންދާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.