ޚަބަރު

ވިޝާމް އަވަހާރަވުމަކީ ގާނޫނީ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވިޝާމް މިރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް ގެއްލިގެން އެ ދިޔައީ ހިދުމަތްތެރި ޒުވާން ތައުލީމީ ދަރިއެއް ކަމަށެވެ.

ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ރައީސް ވަނީ ވިޝާމްގެ އާއިލާއާއި ބާ ކައުންސިލްގެ އެންމެހާ ވަކީލުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

"މަރްޙޫމް އިސްމާއީލް ވިޝާމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި އެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުހޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި އެވެ. އާމީން،" ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ކުރިން އެސިސްޓެންޓް އެޓާނީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ ވިޝާމް މަރުވެގެން ވެއްޓިފައި އޮތީ ދިރިއުޅުއްވާ ގޭތެރޭގައި ކަމަށް އެނގިފައިވެ އެވެ.

ވިޝާމް އަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް އެވެ.

ގާނޫނީ ވަކީލުންގެ ވޯޓޫން ހޮވާ މި މަގާމަށް ވިޝާމް އިންތިހާބު ކުރީ ޖޫން 11، 2022 ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!