ޖޫރިމަނާ ނުދެއްކުމުން އެފްކޮންސްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން އެފްކޮންސްއިން ގެންގުޅުނު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ ކުންފުނިން ދައްކަންޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަށް އީޕީއޭއިން ނިންމައިފިއެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް، އިބްރާހީމް ނައީމް މިއަދު ވިދާޅުވީ އެ ކުންފުނިން ދައްކަންޖެހޭ ޖޫރިމަނާ އަދިވެސް ދައްކާފައި ނުވާ ކަމަށާއި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތައް ބޭނުންކުރާ ބާޖެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން އެ މަޝްރޫޢު ހިންގާ އެފްކޮންސް ކުންފުނިން ޖުރުމާނާގެ ގޮތުގައި 1 މަސްދުވަސްތެރޭ 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ރުފިޔާ ދައްކަން އީޕީއޭ އިން ވަނީ އަންގާފައެވެ.
މާލެ-ވިލިމާލޭ ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.