ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތަކުގައި އޮޓޮމެޓިކުން ސިޓީ ފޮނުވޭގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަދައިފިއެވެ.

Ads by STELCO

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ އެއް މަގުސަދަކީ ގެވެށި އަނިޔާގެ އަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ޤާއިމުވުމަކީ، ގެވެށި އަނިޔާގެ އަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާ އެއްގޮތަށް އަވަހަށް މައްސަލަ ތާވަލުކޮށް މެދުކެނޑުމެއް ނެތި މައްސަލައިގެ ޝަރީއަތް ހިންގަވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދި، މައްސަލަ ހުށަހަޅާ ކޯޓަކަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން އެ އޮފީހުން ފަށާފައިވާ ކަމަށެވެ.

"މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، އެސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންނެވެ. މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުޢާމަލާތުތައް ފެންނަން ހުންނާނެއެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ." ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް އެ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ވެސް ވަނީ ގާއިމުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!