އެމްޑީޕީން ބޮއިކޮޓު ކުރިޔަސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަސްލަމް

ރައްޔިތުންގެ މަޖިލިސް ފެށުމުގެ ގޮތުން މިއަދު ބާއްވާ ޖަލްސާ ބޮއިކޮޓްކުރަން، އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއިން ނިންމާފައި ވިޔަސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްކަން އެނގިއްޖެއެވެ.
މިިގެ އިރުކޮޅެއް ކުރިން އަސްލަމް ވަނީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންފައެވެ.
މިއަދުގެ ޖަލްސާ ބޮއިކޮޓްކުރަން އިދިކޮޅުން ނިންމި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއް ގޮތުގައި ޒަމާނުއްސުރެ އޮތް އޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދު ނޫން ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި، މި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވުނު ދުވަހު، މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައިވުން ހިމެނޭ ކަމަށެވެ.







ކޮމެންޓް