މަސް ދޯނިތަކަށް ސިފައިން އެރި މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައި ކުއްލި މައްސަލައެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައަށް ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ، އެ މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހުގައި މިއަދަށް އެޖެންޑާކުރި ދެވަނަ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އެ މައްސަލައިގައި ވަނީ ބޭރުގެ ސިފައިން ރާއްޖޭގެ މަސް ދޯނިތަކަކަށް އެރި މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައިފައެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 54 މެންބަރުން އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަންނަން ނިންމައިފައެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތާއި ސިޔާދަތާއި މިނިވަންކަމާއި ހަމަޖެހުމާއި އިސްތިގުލާލު އަދި އާންމުގެ މެދުގައި އިންތިހާއަށް ކަންބޮޑުވުން އޮތް މިފަދަ ހުތޫރަތްތެރި މައްސަލައެއްގައި މިއަދުގެ ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދީ އަޅާނުލައި ހިމޭނުން ތިބުމަކީ ހަވާލުވެފައިވާ ގާނޫނީ ބޮޑު ޒިންމާއިން ރެކުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ދިވެހި މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލަ ފެންމަތިކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. މި މައްސަލަ ދިފާއީ ވުޒާރާއިން މިހާރު އަންނަނީ ބަލަމުންނެވެ.