ހައިޟުވުމާ ގުޅިގެން މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އިސްލާހު ހުށަހަޅައިފި
ހައިޟުވުމާ ގުޅިގެން 1 ދުވަހުގެ ޗުއްޓީއެއް ދޭން ލާޒިމްކޮށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
އެ އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ.
މި އިސްލާހުގައި ބުނެފައިވަނީ ވަޒީފާގެ ޤާނޫނުގައި ބުނާ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަަށް ހައިޟުވުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ކޮންމެ މަހަކު 1 ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށެވެ.
މި ޗުއްޓީއަށް އެދޭ މުވައްޒަފު އެ ޗުއްޓީ ހައްގުކަން ސާބިތު ކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށާއި ދެވޭ ޗުއްޓީގެ ބޭނުން ނުކޮށް ވަޒީފާއަށް ނުކުންނަ ނަމަ ކޮންމެ މަހަކު ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުންގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު އެމުވައްޒަފަަކަށް ދޭންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ.
މި އިސްލާހު ގެންނަން ހުށަހެޅި ބޭނުމެއް ކަމަށް ބިލުގައި ސިރާޖު ވިދާޅުވެފައިވަނީ، އަންހެން މުވައްޒަފުން ހައިޟުވާ ދުވަސްވަރު އުފުލާ ތަކުލީފުތައް ގަބޫލުކޮށް ހައިޟުގެ މުއްދަތުގައި ޗުއްޓީ ދިނުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެ އަމަލު ކުރަމުން އަންނަ އުސޫލަކަށްވާތީ ކަމަށެވެ.
އޭގެ އިތުރުން އެ އުސޫލު ރާއްޖޭގައި ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށް ވާނެތީ އާއި ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިތްވަރަކަށް ވާތީ އެ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.