ޚަބަރު

ތާ އަތޮޅުގެ ހަތަރު ގޮނޑި ރައީސަށް ކާމިޔާބުކޮށްދޭނަން: އަބްދުالله ރިޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮޅުމަޑުލު އަތޮޅުގައި ހިމެނޭ ހަތަރު ދާއިރާގެ ގޮނޑިވެސް ސަރުކާރަށް ކާމިޔާބުކޮށްދޭނެ ކަމަށް, ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

އަބްދުالله ރިޔާޒް މިހެން ވިދާޅުވީ, ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތ. ކިނބިދޫ ވަޑައިގަތް ވަފުދުގައި ބައިވެރިވެ ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރު ކޯލިޝަންއާ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅުނު, އެމްއެންޕީގެ ނައިބުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުالله ރިޔާޒް ވިދާޅުވީ ސަރުކާރުން ބޭނުންވާ ހެޔޮ ބަދަލުތައް ގެނެވޭނީ ސަރުކާރުގެ ކޮންޓްރޯލް މަޖިލީހުގައި އޮވެގެން ކަމަށެވެ.

"ސަރުކާރަށް އިޤްތިޞާދީ ގޮތުން މަސައްކަތް ކުރެވޭނީ, ޤާނޫނީ ބޮޑެތިތައް ގެނެވޭނީ, ބޮޑެތި އިންވެސްޓްމެންޓްތައް ގެނެވޭނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ތާއީދު ލިބިގެން." އަބްދުالله ރިޔާޒް ވިދާޅުވިއެވެ.

އިއްޔެ ކޮޅުމަޑުލުގެ ރަށެއްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވަނީ އިޤްތިޞާދީ ހަލުވި ދުވެލީގައި އެ އަތޮޅު ސަރުކާރުގެ ރާޑަރުގައި ހިމެނޭ ކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ރިޔާޒް ވިދާޅުވީ, އިޤްތިޞާދީ ގޮތުން އަތޮޅުގެ ރައްޔިތުން ބައިވެރި ކުރުވައިގެން މަސައްކަތް ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ މި ދަނޑިވަޅުގައި ރައީސަށް ރައްޔިތުންކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

އެގޮތުން ކޮންމެ ސިޔާސީ ވިސްނުމެއްގައި ހުއްޓަސް މިވަގުތު އަތޮޅަށް ފައިދާވާނީ ރައީސާއެކު މަސައްކަތްކޮށްގެންކަން ފާހަގަ ކުރައްވަމުން ރިޔާޒް ވިދާޅުވީ, ރައްޔިތުން ގުޅިގެން ސަރުކާރަށް އެ އަތޮޅުގެ ހަތަރު ގޮނޑި ކާމިޔާބު ކުރަން މަސައްކަތް ކުރަން ވެއްޖެ ކަމަށެވެ.

"އަޅުގަނޑު ރައީސަށް ޔަޤީންކަން އަރުވަން, މާތް اللهގެ ވާގިފުޅާއެކު, އަދި ދާއިރާގެ ރައްޔިތުންގެ ތާއީދާއެކު ކޮޅުމަޑުލުގެ ހަތަރު ގޮނޑި ރައީސަށް އަރުވާނަން" އަބްދުالله ރިޔާޒް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!