ޚަބަރު

ގުރައިދޫ މަރުކަޒުގައި ތިބި 29 މީހަކު އާއިލާއާ ހަވާލުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 29 މީހަކު ޢާއިލާއާ ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް ސޯޝަލް މީޑިއާގައި ޢާއްމުންނަށް ހުޅުވާލި ފުރުސަތުގައި، ޢާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަމުންދާ މީހުންގެ ތެރެއިން އެކި ސަބަބުތަކަށްޓަކައި ޢާއިލާއިން ނުބަލާ ނުވަތަ ބެލެން ނެތިގެން ޙަވާލުކުރާ އުމުރުން ދުވަސްވީ މީހުން ބައިތިއްބަނީ ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.

މަރުކަޒުގައި ތިބޭ މީހުންނާއި ޢާއިލާތަކުން ޙަވާލުނުވާ މައްސަލަ ބޮޑުވެފައިވީނަމަވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޢައިޝަތު ޝިހާމް ވަނީ މިކަމުގައި ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވާފައެވެ.

މަރުކަޒުގައި ތިބި މީހުން އިތުރުވުމާއި ގުޅޭގޮތުން ޢާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ޢާއިލާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި މިގޮތުން މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 29 މީހަކު އަނބުރާ އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ޢާއިލާތަކުން ހަމަ މަސައްކަތްކޮށްގެން ވަރަށް ބޭނުންވެގެން އެމީހުން އެބަގެންދޭ. މިހާރު އަޅުގަނޑު ހިތުން ގާތްގަނޑަކަށް 29 މީހަކު އެބަ ތައްޔާރުވެފަތިބި އަނބުރާ ޢާއިލާތަކަށް ގެންދަން. މިދިޔަ ދުވަސްކޮޅުގެ ތެރޭގައިވެސް ޢާއިލާތަކުން ހަމަ އެގޮތަށް އެބަ ބަލައިގަނޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޢުމުރުން ދުވަސްވުމާއެކު އެންމެ މުހިއްމު އެއްކަމަކީ ޢާއިލީ ވެއްޓެއްގައި އެފަރާތްތަކަށް އަޅާލުމާއި އޯގާތެރިކަން ލިބޭނެފަދަ މާޙައުލެއް އެ މީހުން ތިބުންކަމަށެވެ. އަދި އެކި ސަބަބުތަކަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގުރައިދޫ މަރުކަޒުގައި އެކި މުވައްސަސާތަކުގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޕޮލިޓެކްނިކާއި ގުޅިގެން ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް އަމާޒުކޮށް 4 ކޯހެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނަފްސާނީ ނުތަނަވަސްކަން ކުރިމަތިވުމާއި ޢާއިލާތަކަށް ނުބެލިގެން ނަމަވެސް ގުރައިދޫ މަރުކަޒަށް ގެންނަ ފަރާތްތައް އެއީ ވަގުތީ ގޮތުން އެތަނުގައި ތިބޭ ފަރާތްތަކަކަށް ހަދާ، ބޭނުންވާ ފަރުވާއަށް ފަހު އަނބުރާ ޢާއިލާގެ ގާތަށް ދެވޭ މީހަކަށް ކޮންމެ މީހަކު ހެދުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގައި ޢާއިލާތަކުން އެއްބާރުލުން ދެއްވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!