ޚަބަރު

މި ސަރުކާރަށް އިޤްތިޞާދީ ހަމަޖެހުން ގެނެސްދެވޭނެ: އައިއެމްއެފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒުގެ ސަރުކާރުގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ޤާބިލުކަން އެބަހުރިކަމަށް އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ، މިހެން ވިދާޅުވީ ދުބާއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި 2023 ނޮވެމްބަރ 17 ގައި އާ ސަރުކާރު ވެރިކަމަށް އައިއިރު ދިވެހިރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ޙާލަތުގެ މައްޗަށްވެސް އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ އަލިއަޅުވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ޙާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަމަށްޓަކައި ތައުރީފު ކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންކަން ބަލައިގަންނަކަމުގައި ވިދާޅުވެ އެކަންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ޤާބިލުކަން ހުރިކަމުގައި އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިޤްތިޞާދީ އިޞްލާޙުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަޢުރީފު ކުރައްވައި، ދިވެހިރާއްޖެއަށް ފާގަތި މުސްތަޤްބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރައްޔިތުންނާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ޙިއްޞާކުރެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ތަޢުރީފު ކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ޤައުމެއްކަމަށާއި، އެހެންނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ޤައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިކަންކަމަށް ވިސްނަވައިގެން، މި ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަންކަމަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އައި.އެމް.އެފް. އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އައި.އެމް.އެފް. އަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުން ނިންމަވާލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގެ ގުޅުން ބަދަހިކުރެވޭނެ ކަމުގެ އުއްމީދުކުރައްވާކަމުގައި ފާހަގަކުރައްވަމުންނެވެ.

އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ އަކީ ވަރލްޑް ބޭންކުގެ ކުރީގެ ސީ.އީ.އޯ. އަދި ޔޫރަޕިއަން ކޮމިޝަންގެ ބަޖެޓް އެންޑް ހިއުމަން ރިސޯސަސްގެ ކުރީގެ ވައިސް ޕްރެޒިޑެންޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!