ގައްދޫ ކައުންސިލުން އެއްބާރުލުން ނުލިބުނު، ރައީސް އެދިވަޑައިގެންނެވީ ސިޔާސީ ފިކުރު އެއް ފަރާތްކޮށްލަން
ސިޔާސީ ފިކުރަކީ ދޭތެރެ މެދުން އަންނަ ހުރަހަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގދ. ގައްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައްދޫގެ ކައުންސިލު ބައްދަލުވުމުގައި އެ ރަށު ކައުންސިލްގެ އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
ގައްދޫ ކައުންސިލުގައި އޮންނަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީއެވެ.
ރައީސް ވިދާޅުވީ އެހެން ރަށްތަކާއި ޚިލާފަަށް ގައްދޫގެ ރައްޔިތުންގެ ކައުންސިލުން ރަށަށް ބޭނުންވާ ތަރައްގީއާއި ބެހޭގޮތުން މަޝްވަރާކުރަން މަސައްކަތް ނުކުރައްވާ ކަމަށެވެ.
އެހެން ރަށްރަށުގައިވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްތަކުން ސިޔާސީ ފިކުރު ދޫކޮށް ސަރުކާރާއި އެކު އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީއާއި ބެހޭގޮތުން މަޝްވަރާކުރާކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމަހަމަ ކަމާއި އެކީގައި އެމީހަކު އެ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއް ނެތި ހަމަހަމަކަމާއި އެކީގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޒިންމާއަށް ހުވައެއް ކޮށްގެން ވެރިކަމާއި މި ހަވާލު ވަނީ. އަޅުގަނޑުވެސް އެ ހުވާ ކުރިން. ކައުންސިލަރުންވެސް އެ ހުވާ ކުރި"
ސިޔާސީ ވިސްނުން އެއްފަރާތް ކުރުމަށް ފަހު ރައްޔިތުން އިސް ކުރަން ޖެހޭކަމަށާއި ސަރުކަރަކުން ވެރިކަމާއި ހަވާލުވަނީ ރައްޔިތުންގެ އިތުބާރާއި އެއްބާރުވުން ލިބިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ހިންގުމަށް ރައްޔިތުންނާއި އެ ރަށެއްގެ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައިއެވެ.