މޭގެ ކުރިން 72 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށަނީ
މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ޚިދުމަތް ދޭން ފަށާނެކަމުގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް އެހެން ވިދާޅުވީ ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައއި ނައިބު ރައީސް ވިދާޅުވީ، އާންމު ސިއްހީ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.
އެގޮތުން ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހަފުތާ14 އެޖެންޑާގައި ހިމެނޭ މުހިންމު ވައުދެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް ހަތަރު ރަށެއްގައި މިއަދު އެ ހިދުމަތް ދޭން ފަށާނެކަމަށެވެ. އަދި މި އަހަރުގެ މޭ މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ހިދުމަތް ދޭން ފަށާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ހިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.