ޚަބަރު

އިހަވަންދިއްޕޮޅުގައި ހިންގާ ޕްރޮޖެކްޓް ވެގެންދާނީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އިޤްތިޞާދީ ޕްރޮޖެކްޓަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިހަވަންދިއްޕޮޅުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިޤްތިޞާދީ އެންމެ ބޮޑު މަޝްރޫޢުއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ބޮޑުތިލަދުންމައްޗަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯރަފުށީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ.

އެއަށްފަހު ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް އެމަނިކުފާނާއި ސަރުކާރުގެ ބޮޑު ތަޞައްވުރެއް އެބައޮތްކަމަށެވެ.

އެގޮތުން މި ސަރަޙައްދަށް އަންނާނެ އެންމެ ބޮޑު މަޝްރޫޢުއަކީ "މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢުކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢު ވެގެންދާނީ، މުޅި ރާއްޖޭގައިވެސް ހިންގޭ އިޤްތިޞާދީ އެންމެ ބިޔަ، ބޮޑު މަސައްކަތައްކަމަށެވެ. ރައީސް ވިދާޅުވީ މިއީ ހޯރަފުއްޓެކޭ އެއްގޮތަށް، ސަރަޙައްދުގެ ހުރިހާ ރަށްތަކަށް އޭގެ ބޮޑު މަންފާއެއް ލިބޭނެ މަސައްކަތަކަށްކަމަށެވެ.

"މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ" މަޝްރޫޢު ވެގެންދާނީ ރާއްޖެ މިހާރު އޮތް އިޤްތިޞާދީ ވަޅުގަނޑުން އަރައިގަތުމަށް ވަރަށް މުހިންމު ޕްރޮޖެކްޓަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އާމްދަނީ އިތުރުވެ އަދި މި ސަރަޙައްދުގައި އެތައް ހާސް ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސަރުކަރުގެ ބޮޑު 5 ކުންފުންޏެއް ހިމެނޭގޮތަށް މި މަޝްރޫޢު ހިންގުމަށްޓަކާ "މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން"ގެ ނަމުގައި ކުނުންފުންޏެއް ވަނީ އުފައްދާފައި. އެ ކުންފުނި މި އޭރިއާގައި ފަށާ މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެ ބޮޑު މަސައްކަތައް. އެތަށް ހާސް ވަޒީފާ އުފެދޭނެ." ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!