މަޖިލިސް އިންތިހާބު ފަސްކުރާ ބިލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިދިކޮޅު އެމްޑިޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުން އެދިވަޑައިގެން، "ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނު) އަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލު" އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
އެ ބިލަކީ، މި މަހުގެ 11 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާއިން ފާސްކުރައްވައި، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައި ވާތީއެވެ.
އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީކަމަށް، ބިލް އަނބުރާ ފޮނުވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި، މިގޮތުން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވާފައިވާ ނުކުތާތައް ބަޔާންކޮށްދެއްވާފައިވެއެވެ.






ކޮމެންޓް