ރައީސް ތަކުރާރު ކުރެއްވީ އިދިކޮޅުން ހިމާޔަތް ކުރަނީ ބޭރު ބައެއްގެ މަސްލަހަތުކަން
ގައުމާ ރައްޔިތުންނަށްވުރެ އިިދިކޮޅު ފަރާތްތަކުން އިސްކުރަނީ ބޭރު ބައެއްގެ މަސްލަހަތުކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާޑު ވިދާޅުވެއްޖެއެވެ.
އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ކަނޑިތީމު ގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތަހުޒީބުވެފައިވާ ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި ކޮންމެ ޕާޓީއެއްގެ މީހަކު އިންތިހާބު ކުރިޔަސް ގައުމަށާއި ރައްޔިތުންނަށް ކުރިއެރުން ލިބޭނަމަ ސަރުކާރުތަކަށް އެއްބާރުލުންދޭ ކަމަށެވެ. އެކަމަކު އެ ވިސްނުމާ ހަމަޔަށް ގާތަށްވެސް އަދި ރާއްޖެ ނުދާ ކަމަށް ވިދާޅުވިއެވެ.
އެއަށް ފަހު ނަން ނުގެންނަވައި އެމްޑީޕީއަށް، ރައީސް ވަނީ ފާޑުކިޔާފައެވެ.
“.. އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ނަގަނީ ޕާޓީ ލައިން ނަގަނީ ކަންކަމުގައި، ތަރައްގީގެ ވިސްނުމެއް ނޫން. ގައުމަށް ފައިދާހުރި ކަންކަމެއް ނޫން. މިހާރު ފެންނަ ގޮތަށް މިދޔަ ތިން މަސް ދުވަސް ތެރޭގައި ކަންކަން ފެނުނު ގޮތުންވިއްޔާ އެ ބޭފުޅުން ވެރިކަމުގައި ތިބިއިރު ގައުމާ މެދު ކަންކަން ކުރި ގޮތް ބަލާއިރު މުޅިން އެހެން ފަރާތެއްގެ މާބޮޑު މަސްލަހަތުތަކެއް ހިމާޔަތް ކުރުމުގެ އެޖެންޑާއެއް ގެންގުޅެނީ'' އިންޑިއާގެ ނަން ނުގެންނަވައި އިދިކޮޅަށް ބަހުގެ ހަމަލާތައް ރައީސް ފޮނުއްވެވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު މަޖުބުރޫކޮށްގެން ކަމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެ ރަށުގައި ރައީސް ވިދާޅުވި ގޮތުންނަމަ ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ގައުމަކުން އަމުރުކޮށްގެންނެވެ. ނަމަވެސް އެއީ އެކަން ހިނގި ގޮތް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ.