ކައުންސިލުތަކަށް ފަޅުރަށްތައް ލިބޭ މުއްދަތު 25 އަހަރަށް ބަދަލުކޮށްދޭނަން: ރައީސް
ކައުންސިލުތަކަށް، ފަޅުރަށްތައް ދޫކުރެވޭ މުއްދަތު 10 އަހަރުން 25 އަހަރަށް ބަދަލުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.
ގަވައިދުގައި މިހާރު އޮންނަ ގޮތުންނަމަ ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެދިގު މުއްދަތަކީ 10 އަހަރު ދުވަހަށެވެ. ދާދި ފަހުން މި ސަރުކާރުން ވަނީ ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ވެސް ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފައެވެ.
އެ ގަވައިދުގައިވާ ގޮތުން ވާއިދުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ދޫކުރާނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިންނެވެ.
ދެ އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. މީދޫ ރައްޔިތުންނަށް މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ކައުންސިލުތަކަށް، ފަޅުރަށްތައް ލިބޭ މުއްދަތު އިތުރުކުރުމަށް ރައީސް އޮފީހުގެ ލީގަލް ޓީމުގައި ދަންނަވާފައިވާނެ ކަމަށެވެ.
މިހާރު އޮންނާނީ ދަންނަވާފައި، ރައީސް އޮފީހުގެ ކަމާއި ބެހޭ ލީގަލް ޓީމުން އެކަން ކުރިއަށް އެގެންދަނީ އެ ދިހަ އަހަރު އަޅުގަނޑުމެން 25 އަހަރަށް ބަދަލުކޮށްދޭނަން. އޭރުން އެ ލިބޭ ފަޅުރަށް ބޭނުންކުރެވޭނެ ފުދޭވަރެއްގެ ބޮޑެތި އިންވެސްޓުމެންޓްތައް ކުރަން. 25 އަހަރަށް ފަޅުރަށްތައް ލިބޭނީ މަދުވެގެން
ރައީސް ވިދާޅުވީ ގާނޫނު އޮތް ގޮތުން ފަޅުރަށްތައް ދޫކުރާ މުއްދަތު އެއަށްވުރެވެސް އިތުރުކުރެވޭނެ ކަމަށެވެ. 50 އަހަރާ ހަމަޔަށްވެސް ދުކުރޭވެ ގޮތްވެސް ހެދޭނެ ކަމަށް ވިދާޅުވިއެވެ.